ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ކިލޯއެއްހާ މަސްތުވާތަކެއްޗާ އެކު އިންޑިއާ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ދިވެހި ފުލުހުންނާ އިންޑިއާގެ ނާކޮޓިކްސް ބިއުރޯ އާ ގުޅިގެން ނެވެ. އަދި ހައްޔަރު ކުރި މީހާ މިހާރު ހުރީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އެމީހާއާގެ އެއްވެސް ވަނަވަރެއް އަދި ފުލުހުން ހާމަ އެއް ނުކުރެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ހަ ޑީލަރަކު ރާއްޖޭގައި އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރުގެ މޭމަހުގެ ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަގައި އެވެ.

މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރެއިން ފުރަތަމަ މީހާ ކަމަށް ބުނެ ފުލުހުން ދައުވާކުރި މީހުންގެ ތެރެއިން ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ހުކުމް ކޮށްފައިވާއިރު މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ތުހުމަތުކޮށް ދައުވާ ކުރި، ހ. ރީދޫގޭ އާދަމް ނަސީރު އަބޫބަކުރު ވެސް ވަނީ ކުށް ސާބިތުނުވެ، މިނިވަންވެފަ އެވެ.