އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ފަސް ފަރާތަކަށް މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރުހުން ދީފައިވަނީ އެންމެ މަތިން މާކްސް ލިބުނު ހަތަރު ފަރާތަކަށާއި ހަތްވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ފަރާތަށެވެ. އެންމެ މަތިން މާކްސް ލިބުނު ދެވަނަ ފަރާތް ކަމަށްވާ އާދަމް ޝާމިލްއަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ވޯޓެއް ނުލިބުނެވެ.

މިއަދު މަޖިލީހުގައި ރުހުން ލިބުނު މެމްބަރުންގެ ތެރޭގައި ހިމެނެނީ އެންމެ މަތިން މާކްސް ލިބުނު އިބްރާހިމް ޝަކީލް އާއި ފާތިމަތު އަނޫލާ އާއި މަރިޔަމް ޝިއުނާ އަދި އައިޝަތު އަބްދުﷲ ގެ އިތުރުން އަލީ އަޝްރަފް އެވެ.

އޭސީސީ މެމްބަރުންނަށް ވޯޓު ލިބުނު ގޮތް

  • އިބްރާހިމް ޝަކީލް / ދަފްތަރު ނަމްބަރު 3654 - 69 ވޯޓު
  • ފާތިމަތު އަނޫލާ / ގ ވޮޑިނޮޅުގެ - 69 ވޯޓު
  • މަރިޔަމް ޝިއުނާ / ނެދުންގެ، ސ. ހިތަދޫ - 69 ވޯޓު
  • އައިޝަތު އަބްދުﷲ / ރޯލްގޯލްގެ، ޅ. ހިންނަވަރު - 68 ވޯޓު
  • އަލީ އަޝްރަފް / ދަފްތަރު ނަމްބަރު ރސ 3366 - 70 ވޯޓު

އޭސީސީ އެކުލުވިގެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އޭސީސީ މެމްބަރު ކަމަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދިނުމުގައި ބަލާފައި ވަނީ ތައުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި ކޮމިޓީގައި ކުރި އިންޓަވިއުއަށެވެ.