07 Aug 2019, 12:14
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި އެތުލީޓުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެމުބާރާތުން ވަނަ ވަނައަށް މެޑަލް ހޯދި ކޮންމެ އެތުލީޓުންނަށް އެލައިޑް އިންޝުއަރަންސްގެ ފަރާތުން 300،000 ރުފިޔާގެ ހޯމް ކޮންޓެންޓް ވައުޗަރެއް ހަދިޔާކޮށްފިއެވެ.
މިހާރު އެވޯޑްސް ހަފްލާގައި 25 މެޑަލިސްޓަކަށް ވަނީ އެލައިޑްގެ ހިމާޔަތް ދިންކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެލައިޑް އިންޝުއަރަންސްގެ ފަރާތުން އިނާމު ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.
ހޯމް ކޮންޓެންޓް ވައުޗަރަކީީ ގޭތެރޭގައި ހިފާގެންގުޅޭ އަގުހުރި ތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ފޯރުކޮށްދެވޭ އިންޝުއަރަންސް ހިދުމަތެކެވެ. މިޕޮލިސީ މެދުވެރިކޮށް ބަދަލު ލިބޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ވައްކަމާއި ފެންބޮޑުވުން ފަދަ ގުދުރަތީ ހާދިސާތަކުގެ ސަބަބުން ތަކެއްޗަށް ލިބޭ ގެއްލުން ހިމެނެއެވެ.
އެލައިޑް އިން ބުނީ އެކި ރޮނގު ރޮނގުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ މަސައްކަތް އަގުވަޒަންކޮށް ހިތްވަރު ދިނުމަކީ އެލައިޑުން އިސްކަންދޭ ކަމެއް ކަމަށެވެ.