08 Aug 2019, 18:44
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމް (އެސްޖީޕީ) އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސްޖީޕީ އަކީ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކަށް ހިލޭ އެހީ ދެވިގެން ހިންގޭ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކުގެ ޒަރިއްޔާއިން ރައްޔިތުންގެ އީޖާދީ އުފެއްދުންތެރިކަމާއި، ގާބިލުކަން ތަރައްގީކޮށް ރައްޔިތުން ބާރުވެރިކުރުވުމަށް، ހާއްސަކޮށް ރަށްވެހިންނާއި، އަންހެނުން އަދި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގޮރާމެކެވެ.
މިއީ ޖީއީއެފްގެ ފައިސާގެ އެހީއާއެކު ޔޫއެންޑީޕީ އިން 1992 އިން ފެށިގެން ހިންގަމުންގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅޭނީ ފަސް ދާއިރާ އަކުންނެވެ. އެ ދާއިރާތަކަކީ:
1. ދިރޭތަކެތީގެ ނަސްލުހިމާޔަތް ކުރުން
2. މޫސުމަށް ބަދަލުގެނައުމަށް މެދުވެރިވާ ކަންތައްތައް މަދުކުރުން
3. ފެނާއި ކަނޑުގެ ވަސީލަތްތައް އަދި މާހައުލު ހިމާޔަތްކުރުން
4. ރައްކާތެރި އަދި ދެމެހެއްޓެނިވިގޮތުގައި ބިން ބޭނުންކުރުން
5. ވިހަ މާއްދާތަށް، ހާއްސަކޮށް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް (ޕޮޕްސް- ތިމާވެށި ތަޣައްޔަރުކުރާ ގިނަދުވަހު ފަނާނުވެހުންނަ ޒާތުގެ މާއްދާތައް) ނައްތާލުން
އެސްޖީޕީ ފަންޑުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ އަދި ރަށުފެންވަރުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، ތައުލީމީ/ރިސާޗް އިދާރާތަކަށާއި، އަންހެނުން އަދި ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ.
އެގޮތުން މަޝްރޫއުތަކަށް ފައިސާގެ އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދިނުމަށް ހަމަޖެހިފައިވަނީ 30,000 އެމެރިކާ ޑޮލަރެވެ. ނަމަވެސް ހުށައަޅާ މަޝްރޫއެއްގެ ބާވަތުންނާއި އޭގައި ހިމެނޭ ހަރަކާތްތަކަށް ބިނާކޮށް އެ އަދަދު 50,000 އެމެރިކާ ޑޮލަރަށް އިތުރު ކުރެވިދާނެ ކަމަށް ޔޫއެންޑީޕީ އިން މައުލޫމާތު ދެއެވެ.
ޔޫއެންޑީޕީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެސްޖީޕީ ފައިސާގެ އެހީދިނުމަށް ހަމަޖެހިފައިވަނީ ކުދި މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގައި، އާމްދަނީ ހޯދާނެގޮތްތަކާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ދެޖިންސުގެ ހަމަހަމަކަން ކުރިއެރުވުން ހިމެނޭ ޕްރޮޕޯސަލް ތަކަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.
ފައިސާގެ އެހީ ދެވޭ މަޝްރޫއުތައް ނިންމައި، ދެ އަހަރު ތެރޭގައި ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ.
ފައިސާގެ އެހީއަށް އެދި ކޮންސެޕްޓް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަމަހުގެ އަށް ވަނަ ދުވަހުގެ 17:00 އެވެ. އީމެއިލްގެ ޒަރިއްޔާ އިން އަދި އޮފީހަށް ގޮސް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.
މި ޕްރޮގްރާމަށް ހުށަހެޅޭ ޕްރޮޕޯސަލްތައް ވަޒަންކުރާނީ ދެ މަރުހަލާއެއްގެ ދަށުންނެވެ. އެއީ ފުރަތަމަ ހުށަހެޅޭ ކޮންސެޕްޓް ނޯޓްތަކުގެ ތެރެއިން ކާމިޔާބު ވާ ފަރާތްތަކަށް ފުރިހަމަ ޕްރޮޕޯޒަލް ހެދުމަށް ފުރުސަތު ދިނުމަށްފަހު، ދެވަނަ މަރުހަލާގައި އެ ޕްރޮޕޯޒަލްތައް މުރާޖައާކޮށް ހޮވޭ ފަރާތްތަކަށް ޕްރޮޖެކްޓް ހިންގުމަށް ހިލޭ އެހީ ދިނުމެވެ.
މިހާރު ދުނިޔޭގެ 125 ގައުމުގެއްގައި މި ޕްރޮގްރާމް ހިންގަމުން އަންނަ އިރު އެސްޖީޕީ އިން މިހާތަނަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ 20،000 ޕްރޮޖެކްޓަކަށް އެ ފަންޑުގެ ހިލޭ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.