02 Nov 2011, 13:34
ސިންގަޕޫރުގައި ތެލުގެ ވިޔަފާރި ކުރުމަށް އުފެއްދި އެސްޓިއޯގެ މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތެޔޮ ވިއްކުމަށް ކަމަށް ބުނެ، ސިންގަޕޫރުން ތެޔޮ ބޯޓް ބައުރުމާ އަށް ޑައިވާޓްކޮށްފައިވާ ކަން ގައުމީ ސަލާމަތުގެ ކޮމެޓީގެ ތަހުގީގުތަކުން ހޯދިފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
http://www.youtube.com/watch?v=japlguHnaZY
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ގުޅިވަޑައިގެން ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއަކީ ހިޔާނާތެއް ކަމަށް ބުނެ، ކުރާ ތަހުގީގު ގައުމީ ސަލާމަތުގެ ކޮމެޓީގެ މެންބަރުންނާ ހިއްސާ ކުރައްވަމުން ރޭ އަލީ ވަހީދު ވިދާޅުވީ ބަރުމާ އަށް ތެލުގެ ވިޔަފާރިކޮށްފައިވާ މޯކަމް ޓްރޭޑިންއަކީ އެސްޓިއޯ އަށް ނޭނގި އޮޅުވާލުމެއްގެ ތެރޭގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އޯޕެކުން ރާއްޖެ އަށް ކުޑަ އަގެއްގައި ފޯރުކޮށްދޭ ތެޔޮ "އޮޅުވާލުމެއްގެ ތެރޭގައި" ބަރުމާ އަށް ވިއްކާފައި ވަނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެޓީގެ ތަހުގީގުން އެނގުނީ އެސްޓިއޯގެ ބޯޑުގެ ކުރީގެ ޗެއާމަން ހުސައިން ޝަރީފާއި އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުނީޒު ކޮމެޓީގައި ދައްކާފައިވާ ވާހަކަތައްކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ ބޭފުޅުންގެ ވާހަކަ ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯކަމްގެ ޓްރޭޑިން އުފައްދައި ހިންގާފައި ވަނީ ސިންގަޕޫރުގައި ހުންނަ އެސްޓިއޯގެ އޮފީހުގައި، ސަރުކާރު ހިއްސާވާ ކުންފުނީގެ ވަސީލަތްތަކާއި މުވައްޒަފުންނާއި ފައިސާ ބޭނުންކޮށްގެން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ކުންފުންޏަކީ އެސްޓިއޯގެ ބޭފުޅުންނާއި ބޭރުބައެއްގެ މައްޗަށް އެކުލެވޭ އަމިއްލަ ކުންފުންޏެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މޯކަމް ޓްރޭޑިން ކުންފުނީގެ ބޯޓްގައި ހިމެނޭނީ އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުނީޒު އާއި އެސްޓިއޯގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ސަނާ މަންސޫރާއި ފާތުމަތު އާޝާން އާއި މޯކަމް މެލޭޝިއާ ކުންފުނީގެ ދެ މީހުންގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މޯކަމް މެލޭޝިއާއި ސިންގަޕޫރުގެ އެސްޓިއޯގެ އޮފީހުގައި ހިންގި މޯކަމް ޓްރޭޑިންއިން ބަރުމާއަށް ތެލުގެ "ވަގު"ވިޔަފާރި ކުރަމުންދިޔަ އިރު، އެ ވިޔަފާރީގެ ލެޓާ އޮފް ކްރަޑިޓް)އެލްސީ( ތަކުން ފައިދާ ވަތް ތިން ވަނަ ކުންފުންޏެއްވާ ކަން ވެސް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ ސަލާމަތުގެ ކުއްލި ބައްދަލުވުމުގައި ރޭ ނިންމާފައި ވަނީ އެސްޓިއޯގެ ކުރީގެ ޗެއާމަން އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކޮމެޓިއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އަދި ކޮމެޓީގެ ހުރިހާ ބައްދަލުވުމެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވެސް ފާސްކުރި އެވެ. އެއީ މައްސަލާގެ ތަހުގީގީ ލިޔެކިޔުންތަކާއި ކޮމެޓީގެ ރެކޭޑިންތައް ވެސް އެމްއެންޑީއެފްގެ ބެލުމުގައ ދަށުގައި ހުންނަ ގޮތަށެވެ.
ލިޔުމާ ގުޅޭ ވީޑިއޯ:
http://www.youtube.com/watch?v=1d4-xK68ow4