14:30


ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ ފުރަތަމަ މެޗްގައި ޑެންމާކާ ބައްދަލުކުރި މެޗް ދޭއް ސުމަކުން ހޮލެންޑް ކާމިޔާބުކޮށްފި އެވެ.


މި މެޗްގައި ހޮލެންޑަށް ލީޑް ލިބުނީ ޑެންމާކްގެ ޑިފެންޑަރު ޕޯލްސެން ދިފާއުކުރަން އުޅުނު ބޯޅައެއް ބައިކޮޅަށް ވަދެގެންނެވެ. ހޮލެންޑްގެ ދެވަނަ ލަނޑަކީ ލިވަޕޫލްގެ މަޝްހޫރު ފޯވަޑް ޑާކް ކުއިޓް ކާމިޔާބުކޮށްދިން ލަނޑެކެވެ.


ޖޮހަނަސް ބާގްގެ ސޮކަރ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި މެޗްގައި ހޮލެންޑްގެ ދެ ކުޅުންތެރިއަކަށާއި ޑެންމާކްގެ ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކައިފަ އެވެ.


ރޭ ކުޅުނު ދެވަނަ މެޗްގައި ކެމަރޫނާ ވާދަކޮށް އެކެއް ސުމަކުން ކާމިޔާބުކުރީ ޖަޕާނެވެ. ޖަޕާނުގެ ހަމައެކަނި ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ކެއިސޫކޭ ހޮންޑާ އެވެ.


މެޗްގެ ދެ ހާފްގައި ވެސް މޮޅު ކުޅުމެއް ދައްކާފައި ވަނީ ސެމިއަލް އެޓޫގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ ކެމަރޫނެވެ. އަދި މެޗްގެ އެންމެ ފަހު މިނެޓްކޮޅުގެ ތެރޭގައި ކެމަރޫން ޓީމުން ވަނީ ޖަޕާންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް ޖަޕާން ޓީމުން ކުޅެމުންދިޔަ ޑިފެންސިވް ގޭމްގެ ސަބަބުން މި ހަމަލާތައް ވަނީ ދިފާއުކޮށްފަ އެވެ.


ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ތިން ވަނަ މެޗްގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ޕެރަގުއޭ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ ޕްރަގުއޭ އިން. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް އަލްކަރާޒް އެވެ. މިއީ ކަރާޒް ޤަވްމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗް އެއްވަރުވި ލަނޑު އިޓަލީން ޖަހާފައި ވަނީ 63 ވަނަ މިނެޓްގައި ޕެޕޭ ނެގި ކޯނަރެއްގައި ޑި ރޮސީ އެވެ.


މި މެޗްގައި އިޓަލީގެ ކޯޗް މެޗެލޯ ލިއްޕި ގެނައި ބަދަލުތައް ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ބުފޮންގެ ބަދަލުގައި މާކެޓީ ނެރުން ފާހަގަކޮށްލެވެ އެވެ. މިއީ ފުރަތަމަ ހާފްގައި ބުފޮންގެ ފަރާތުން ފެނިގެން ދިޔަ ފަރުވާކުޑަ ކުޅުމުގެ ސަބަބުން ގެނައި ބަދަލެއްކަން މެޗްގެ ކޮމަންޓޭޓަރ އަދި ތަޖުރިބާކާރުން ދެކެ އެވެ.


ކެމަރޫނުން ވެސް ތިން ބަދަލެއް ގެނަ އެވެ. އޭގެތެރެއިން ފާހަގަކޮށްލެވުނީ މެންޗެސްޓަރ ސިޓީގެ ފޯވަޑަށް ކުޅެމުން އަންނަ ރޮގޭ ސަންޓަ ކުރޫޒު ފަހު ހާފްގައި ކުޅެން ނެރުން ފާހަގަކޮށްލެވުނެވެ.


ފީފާ ވޯލްޑަކަފް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާލޭގަޑިން 4.30 ގައި ފެށޭ މެޗްގައި ބައްދަލުކުރާނީ  ނިއުޒިލެންޑާއި ސްލޮވާކިޔާ އެވެ. މާލޭ ގަޑިން މިރޭ 7.00 ޖަހާއިރު ފެށޭ މެޗްގައި ބައްދަލުކުރާނީ އައިވަރީ ކޯސްޓާއި ޕޯޗުގަލް އެވެ. މިރޭގެ ދެވަނަ މެޗްގައި 11.30 ގައި ބައްދަލުކުރާނީ ބްރެޒިލާއި ނޯތް ކޮރެޔާ އެވެ.