07 Aug 2019, 13:01
މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ، އދ، ދަނގެއްޗަށް އުފަން އިބްރާހިމް ފަރްޝާން ރަށަށް ޖައްސާލާ ކޮންމެ ފަހަރަކު ރަށު ތެރެއިން ފެންނަނީ އޭނާ އެންމެ ހިތް އެދޭ މަންޒަރެއް ނޫނެވެ. މަގުތައް މަތިންނާއި މޫދުން އަދި ގޮނޑުދޮށުންނާއި ރަށުގެ އެތަން މިތަނުން ފެންނަނީ ފަރުވާލެއް ނެތި އުކާލެވިފައިވާ ޕްލާސްޓިކް ކޮތަޅާއި ފުޅި އެވެ. ރަށަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އިރު، އެ މީހުންނަށް ދައްކަން އޮތީ މި ނާތަހުޒީބު މަންޒަރެވެ.
އޭނާ އަޒުމް ކަނޑައެޅީ މިކަން ނިމުމަކަށް ގެނެސް، ދަނގެއްޗަކީ ތިމާވެއްޓާ ރަށްޓެހި، ރީތި ނަމޫނާ ރަށަކަށް ހަދާށެވެ. އޭނާ ދެން ފިކުރުކުރަން ފެށީ، ނުރައްކާ އިންތިހާއަށް އޮތް ޕްލާސްޓިކުން ރަށް ސަލާމަތް ކުރަން ހަދާނެ ގޮތަކާ މެދު އެވެ. އެކަމަކު މައްސަލައަކަށް ވަނީ ފައިސާ އެވެ.
"އެހެން އުޅެނިކޮށް ފޭސްބުކް ޕޯސްޓަކުން ފެނުނީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައި އޮއްވާ. ފެނުނީމަ ހިތަށް އެރީ ރަށަށް ކަމެއް ކޮށްދޭން ރަނގަޅު ފުރުސަތެކޭ މީ. އެހެންވެ އައި ހިޔާލެއް މިއީ. ދެން ކަޒިން އަކާ އެއްކޮށް މަޝްވަރާ ކޮށްލައިގެން ޕްރޮޕޯސަލް ހުށަހެޅީ،" ފަރުޝާންގެ މަސައްކަތް ފެށިގެން އައި ގޮތް އޭނާ ކިޔައިދިނެވެ.
އެންމެ ކުޑަ އިރުން ފެށިގެން، ފަރުޝަން ޕްލާސްޓިކަށް އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. ދަނގެއްޗަށް "ޕްލާސްޓިކް ނޫން ގޮތެއް" ހޯދައިދިނުމަށް އޭނާ ހޯދި ހައްލަކީ، އެރަށުގެ ހުރިހާ ގޭބިސީއަކާއި މުއައްސަސާތަކާއި ގެސްޓު ހައުސްތަކަށް ތިމާވެއްޓާ ރަށްޓެހި ފޮތި ކޮތަޅު ބެހުމެވެ. އެއްފަހަރު ބޭނުން ކޮށްފައި އެއްލައިލާ ކޮތަޅަށް ނޫނެކޭ ބުނަން އޭނާ ގޮތެއް ހޯދައިދެނީ އެވެ. އެ ހިޔާލު އޭނާ ވައްޓާލީ، ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ އެހީ ހޯދާށެވެ. އެ ހިޔާލު ހަގީގަތަކަށް ވީ އެ ހިސާބުން އެވެ.
އެންމެ ފަހުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ޕްރޮޖެކްޓަށް ހުށަހެޅި އެހެން ޕްރޮޕޯސަލްތައް ފަހަތައް ޖައްސާލުމަށްފަހު، ފަރުޝާންގެ ޕްރޮޕޯސަލް ކުރިހޯދީ އެވެ.
"ވަރަށް އުފާވި ޕްރޮޕޯސަލް ވިން ވީމަ. އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން އަޅުގަނޑުގެ ޕްރޮޕޯސަލް ހޮވޭނެ ކަމަކަށް. ދެން އަޅުގަނޑު ވިސްނީ އެހެން ބަޔަކާ ގުޅިގެން މިކަން ކުރަން. ކޮތަޅުތައް ޑިޒައިންކޮށް މަސައްކަތް ފަށަން،" ފަރުޝާން ކިޔައިދިނެވެ.
ފަރުޝާންއާއި ޒީރޯ ވޭސްޓް މޯލްޑިވްސް އިން މި މަސައްކަތުގައި އަތުގުޅާލީ އެހިސާބުންނެވެ. ދެ ފަރާތް ގުޅިގެން ކޮތަޅުތަކުގެ ޑިޒައިން ތައްޔާރުކޮށް ނިންމައި، ކޮތަޅުތައް ހަދަން ފޮނުވީ ލަންކާ އަށެވެ. ކޮތަޅުތަކުގައި ބޭނުންކޮށްފައި ވަނީ ދަނގެތީގެ މަޝްހޫރު ބޮޑު ނިކަގަސް ލޯގޯ އެވެ.
ބީއެމްއެލްގެ އެހީތެރިކަމާ އެކު ފަރްޝާން އާއި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ކުރި މަސައްކަތުން އިއްޔެ ވަނީ ދަނގެތީގެ ހުރިހާ ގެއަކަށް، އަދި މުއްސަސާތަކާއި ގެސްޓް ހައުސްތަކަށް ކޮތަޅު ބެހުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ގެއަކަށް އަދި މުއައްސަސާއަކަށް ވެސް ތިމާވެއްޓާ ރައްޓެހި ދެ ކޮތަޅު ދޭނެ އެވެ. އެއީ ތަރުކާރީ ފަދަ އެއްޗެހި އެޅޭ ގޮތަށް ހަދާފައިވާ، ދާގަނޑު ކޮތަޅަކާއި އާންމު އެއްޗިހި އުފުލަން ފޮތި ކޮތަޅެކެވެ.
މިއީ ފެށުމެއް، ބޮޑު މަސައްކަތް އޮތީ ކުރިއަށް!
ފަރުޝާން ގަބޫލުކުރާ ގޮތުގައި، މިއީ ތިމާވެށީގެ ހައްގުގައި ޕްލާސްޓިކާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފެށުމެވެ. ކޮތަޅުތަކެއް ބަހާލިޔަސް އަދި މިކަން ވާކަށް ނެތެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދަން ކުރަން ޖެހޭ މަސައްކަތްތަކާއި ހުރަސްތައް ބައިވަރެވެ.
މީގެ ކުރިން ވެސް އަމިއްލަ ފަރާތަކުން ވަނީ އެ ރަށުގައި ތިމާވެއްޓާ ރައްޓެހި ކޮތަޅު ބަހައިފަ އެވެ. ނަމަވެސް މިހާރު އެއިން ކޮތަޅެއް ބޭނުން ކުރާ މީހަކު ނެތެވެ. އެހެންކަމުން ހަމައެކަނި ތިމާވެއްޓާ ރައްޓެހި ކޮތަޅު ބަހައިގެން ނުވާނެ ކަން ފަރުޝާނަށް ވެސް ގަބޫލުކުރެ އެވެ. އެހެންވެ، އޭނާ ހުރީ ކޮތަޅުކޮޅެއް ބަހާލައިގެން މިކަން ނިންމާލާކަށް ނޫނެވެ.
"އަސްލު ރައްޔިތުން ހޭލުންތެރި އެއް ނޫން އަދިވެސް ވާން ޖެހޭ ވަރަކަށް. މިކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންނަށް ތިމާވެށީގެ މުހިންމު ކަމާ، ޕްލާސްޓިކްގެ ގެއްލުން ވަރަށް ރަނގަޅަށް ވިސްނައިދީގެން، ރައްޔިތުންގެ ހޭލުންތެރިކޮށްގެން،" ފަރުޝާން ބުންޏެވެ.
އެ ވިސްނުމުގައި ފަރުޝާން މިހާރު އަންނަނީ ރަށުގައި ތިމާވެއްޓާ ގުޅޭ މައުލޫމާތު ދީ، ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ވިސްނަމުންނެވެ. އަދި މި ފެށި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަން ފަރުޝާން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
އިއްޔެ ޒީރޯ ވޭސްޓް މޯލްޑިވްސް އިން ވަނީ އެއް ފަހަރު ބޭނުންކޮށް، އުކައިލެވޭ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން ދަނގެތީގެ ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމުގެ ސެޝަން އެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ހަމައެއާއެކު ރަށުން ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ގޮތްތައް ހޯދައި، ޕްލާސްޓިކް ފުޅީގެ މައްސަލަ ހައްލު ކުރުމަށް ވެސް ފަރުޝާން ހުރީ އަތުކުރި އޮޅާލައިގެން އެވެ. ރަށުގެ ބައެއް ޒުވާނުންނާ ގުޅިގެން އެކަމުގެ މަޝްވަރާތައް މިހާރު ވެސް އޭނާ ފަށައިފި އެވެ.
ރައްޔިތުން ފަރްޝާންއާ އެކު!
ފަރުޝާން މި ފެށި މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާ އެކު އެވެ. ދަނގެތީގެ ވިޔަފާރި ވެރިޔަކު ބުނި ގޮތުގައި ފަރުޝާންގެ އިސްނެގުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެކެވެ. އެކަމުން ލިބެން އޮތީ ރަށަށް ރީތި ކަމެވެ. ރީތި ނަމެކެވެ.
"ވަރަށް ރަނގަޅު ކަމެއް މީ. ޕްލާސްޓިކް އެބަޖެހޭ މަދުކުރަން. ގެސްޓުން ވެސް ޝަކުވާ ކުރޭ ކޮތަޅާ ފުޅި އާ ފެންނާތީ. އަޅުގަނޑުމެން މި ތިބީ އެއްބާރުލުން ދޭން،" ރަށުގެ ވިޔަފާރިވެރިއަކު ބުންޏެވެ.
ދަނގެތީ ކައުންސިލުން ވެސް ތިބީ ފަރްޝާންގެ ހިޔާލަށް ތާއީދުކޮށްގެން އެވެ. އަދި އެ ހިޔާލު އިތުރަށް ކުރިއަށް ކައުންސިލުން ވެސް ވަނީ ކަންތައްތަކެއް ރާވައިފަ އެވެ. ޕްލާސްޓިކް ފުޅި މަދު ކުރުމުގެ ޕްރޮގްރާމަކާއި، ތިމާވެއްޓަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
"އަޅުގަނޑުމެން ރަށުގެ ކުއްޖަކު އަމިއްލައަށް ނެގި އިސްނެގުމެއް މިއީ. އަޅުގަނޑުމެން ވަރަށް ތާއީދު ކަމެއް މިއީ. ވަރަށް ރަނގަޅު ޚިޔާލެއް،" ކައުންސިލް ރައީސް މުހައްމަދު ތައުފީގު ވިދާޅުވި އެވެ.
ބީއެމްއެލް އަށް ޝުކުރު ހައްގު!
މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ތައާރަފް ކުރި ''އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'' ގެ ދަށުން ކުރިއަށް ގެންދިޔަ ތިންވަނަ ޕްރޮޖެކްޓެވެ.
އެއީ އަހަރު ތެރޭގައި އެއް މިލިއަން ރުފިޔާގެ ފަންޑެއް ހަމަޖައްސައިގެން ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ކުއާޓަރެއްގައި އެ ފަންޑަށް ލިބޭ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދީގެންނެވެ.
މި އަހަރުގެ މިހާތަނަށް ފަސް ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ފަންޑް ދީފައިވާ އިރު، އަހަރެއް ތެރޭ 20 ޕްރޮޖެކްޓަކަށް އެހީވުމަކީ ބީއެމްއެލްގެ އަމާޒެވެ.
ޕްރޮޖެކްޓާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ތިމާވެއްޓާ ރަށްޓެހި ޕްރޮގްރާމްތަކަށް އެހީތެރިވުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ އެ ކުންފުނިން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
"ބޭނުމަކީ ޕްލާސްޓިކް ނޫން ގޮތެއް މި ރަށަށް ވެސް ހޯދައި ދިނުން. މިފަދަ ކޮންމެ ޕްރޮޖެކްޓަކަށް ވެސް އެހީތެރިކަން ދޭން އަޅުގަނޑުމެން ތިބޭނީ ތައްޔާރަށް،" ސައީދު ވިދާޅުވި އެވެ.
ޕްރޮޕޯސަލް ކާމިޔާބު ކުރި ފަރްޝާން ބުނީ މިއީ އަމިއްލަ ރަށަށް، ނޫނީ މުޖުތަމައު އަށް ކަމެއް ކޮށްދޭން ބޭނުންވެ، ފަންޑު ނެތުމުގެ ސަބަބުން އެކަންކަން ނުކުރެވި ތިބި ވަރަށް ގިނަ ބަޔަކަށް ލިބިގެން ދިޔަ ހިތްވަރެއް ކަމަށެވެ.
އަދި ބީއެމްއެލް އިން އޭނާގެ ހިޔާލުގައި ކުލަ ޖައްސައިދިނީތީ އޭނާގެ ޝުކުރު ކޮޅުނެތް ކޮޅަށް ބީއެމްއެލް އަށް އެބަ އޮތެވެ.
"އަޅުގަނޑު އެންމެނަށް ވެސް ބުނެލަން އޮތީ އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރާށޭ. އެއަށް ނޫނެކޭ ބުނާށޭ. އެއީ ކުރެވޭނެ ކަމެކޭ،" ފަރުޝާން މުޖުތަމައަށް ދޫކޮށްލާ މެސެޖަކީ މިއީއެވެ.