07 Aug 2019, 10:41
މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިންގެ ހިދުމަތް ފުޅާކުރަމަށް ބީއެމްއެލް އިން ކުރާ މަސައްކަތުގެ ތެރެއިން ހއ. ކެލާގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ބޭންކުން ބުނީ، އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާނީ އީދު ބަންދަށް ފަހުގަ އެވެ. މި އޭޓީއެމް އާ އެކު ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު ހަތަރަކަށް އެރީ އެވެ. މީގެ އިތުރުން ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބެންކުގެ ތިން ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.
"އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާތެރޭގައި އަޅުގަނޑުމެންނަށް ކެލާގައި އޭޓީއެމް ހިދުމަތް ދޭން ފެށޭނެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ. މިއާއެކު ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،" ބީއެމްއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން ހއ. ބާރަށުގައި އޭޓީއެމް ހިދުމަތް ދިނުމަށްޓަކައި ވެސް ބީއެމްއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިއަަހަރު މިހާތަނަށް ބީއެމްއެލް އިން ވަނީ ފަސް ރަށެއްގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދޭ ފަށާފަ އެވެ. މީގެ ތެރޭގައި ރ. އަލިފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ލ. މާވަށް، އަދި ގދ. ގައްދޫ ހިމެނެ އެވެ. މިދިޔަ އާދިއްތަ ދުވަހު އަލިފުށީގައި ގާއިމްކުރި އޭޓީއެމް ހިދުމަތާއެކު މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ އަދަދު 108 ވަނީ އަރާފަ އެވެ.