02 Nov 2011, 13:07
ރާއްޖޭގެ ބަށި ބޯޅަ ފައުންޑޭޝަނުން އިންތިޒާމްކޮށް، ސާކް ސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި އިއްޔެ ފެށި ބަށި މުބާރާތުގެ ފުރަތަމަ މެޗު ރަނިން ޓީމު ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ނިކަ ޓީމާ ބައްދަލުކޮށް ރަނިން މެޗު ކާމިޔާބުކުރީ ހަތަރު ލަނޑު، ހަތަރު ފޯލީގެ ތަފާތުންނެވެ. ރަނިން ޓީމަށް ހެދިފައި ވަނީ ޖުމްލަ 19 ލަނޑެވެ. ނިކަ ޓީމަށް ހެދުނީ 14 ލަނޑު އަށް ފޯއްޔެވެ.
ބަށި މުބާރާތް އިއްޔެ ފުވައްމުލަކުގައި ހުޅުވުމުގެ ގޮތުން ވަނީ ކުރީގެ ކުޅުންތެރިންގެ ޚާއްޞަ ބަށިމެޗެއް ކުޅުނެވެ. މި މެޗުގައި ބައްދަލުކުރީ ފަރީދީ ޓީމާއި އަމީނީ ޓީމެވެ. މި މެޗު ހަތް ފޯލީގެ ތަފާތުން ކާމިޔާބުކުރީ އަމީނީ ޓީމެވެ. މި މެޗުގެ ޝަރަފުވެރި މެހުމާނަކީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ އަމީން ފައިސަލެވެ.
މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ތިން މެޗެކެވެ. އެގޮތުން ފުރަތަމަ މެޗުގައި މިއަދު ހެނދު ބައްދަލު ކުރީ މަލަކާ ޓީމާއި އަރާކުރި ޓީމެވެ. އަދި ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރަނިކަނބާ ޓީމާއި ކަމަނަ ޓީމެވެ. ދެވަނަ މެޗުގައި މަލަ ޓީމާއި މަލްވިނަ ޓީމެވެ.
މި މުބާރާތުގެ ކުޅުން ކުރިޔަށްދަނީ ފުވައްމުލަކުގެ ރަސްމީ ބޯޅަ ދަނޑުގަ އެވެ.