ސެޓެލްމެންޓް އެގްރިމަންޓްތަކަށް އަމަލުކުރުން ލާޒިމް ކުރާ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގް ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

މުއާހަދާގައި ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލައި މިއަދު ސިންގަޕޫރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.

މުއާހަދާ އަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަގުވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، މި މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ އެގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމުތައް ގާއިމުކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.

މުއާހަދާގައި ރާއްޖެއިން ސޮއި ކުރީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެވެ. ނަމަވެސް މުއާހަދާ ތަންފީޒު ކުރުމަށް ކަމާ ބެހޭ ގާނޫނެއް ބޭނުންވާނެ އެވެ. އެހެންކަމުން މިހާރު އެކަމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފައި ވާކަމަށް އެ އޮފީހުން ބުންޏެވެ.

މުއާހަދާ ތަންފީޒު ކުރެވޭނީ އެ ގާނޫނު ވުޖޫދަށް އައުމަށްފަހު، ފަހުގެ މަރުހަލާއެއްގައި އެ މުއާހަދާ ރާއްޖެއިން ތަސްދީގު ކުރުމަށް ފަހު ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އޭޖީ އޮފީހުން ބުނީ ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް ތަކަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މުއާހަދާގައި ސޮއި ކުރުމުގެ ސަބަބުން އެ އަމާޒަށް ވާސިލު ވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މި މުއާހަދާއަކީ މިދިޔަ ޑިސެމްބަރު 20 ގައި އދ.ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުއާހަދާއެކެވެ.