މި މަހުގެ 10 އަދި 11 ވަނަ ދުވަހު އައްޑު ސިޓީގައި ބާއްވާ ސާކް ސަމިޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކުއްތާތަކެއް މިދިޔަ ހޯމަ ދުވަހު އައްޑުއަށް ގެނެސްފި އެވެ. ސާކްގެ ސަމިޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ލަންކާ އިން އައްޑު އަށް ގެންދިޔައީ ކިތައް ކުއްތާ ކަމެއް ސިފައިން ނުބުނެ އެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ފުލުހުންނާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އެކުލެވޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް އިންޓަ އެޖެންސީ ޓާކްސް ފޯސް (ޖައިޓަފް(ގެ ކަންތަކާ ބެހޭ ގޮތުން ކާނަލް މުހައްމަދު ޒިޔާދު ކުރިން ވިދާޅުވެފައި ވަނީ ސާކް ސަމިޓް އޮންނަ ދުވަސްވަރު ސްނިފާ ޑޯގްސް ނުވަތަ ވަސް ދެނެގަންނަ ކުއްތާތައް ބޭނުން ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ސަމިޓަށް ވަޑައިގަންނަވާ ގައުމުތަކުގެ ވެރިންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަމަށެވެ. އެގޮތުން އިސްވެރިން ތިއްބަވާ ތަންތަނާއި އެ ބޭފުޅުން ދަތުރު ކުރައްވާ މަގުތަކުގަ އާއި ސަމިޓް ބާއްވާ ކޮންވެންޝެން ސެންޓަރުގައި ވެސް ކުއްތާ ބޭނުން ކުރާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސަމިޓަށް ވަޑައިގަންނަވާ އިސް ވެރިންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ކުއްތާތައް ބޭނުން ކުރަން ޖެހޭ ހުރިހާ ދިމާލެއްގައި ކުއްތާތައް ބޭނުން ކުރާނެ ކަމަށާއި ކުއްތާތައް ގެންގުޅުމުގައި ހަރަކާތްތެރި ވާނީ ލަންކާ ސިފައިންގެ ޓީމުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ލައްކާ ސިފައިންގެ ހަ ޓީމު ސާކް ސަމިޓްގައި ހަރަކާތްތެރިވާނެ ކަމަށް ސިފައިން ބުންޏެވެ.