06 Aug 2019, 23:22
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކުލަބުން އިސްނަގައިގެން އެ އިދާރާއިގެ ސެކްޝަން ތަކުގެ މެދުގައި ބާއްވާ ޕީއާރުސީ ފުޓުބޯޅަ މުބާރާތުގައި، މިއަދު ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގެ މެޗަށްފަހު ޓީމް އެޗް ކިއުއިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
މިއަދު މާފަންނު ޓާފުގައި ކުޅުނު އެ މެޗުން މާލޭ ޕްރިސަން ބަލިކޮށް ޓީމް އެޗް ކިއުއިން ފައިނލުގެ ޖާގައެއް ހޯދީ 1-5 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.
ލީގު އުސޫލުން ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ވާދަ ކުރާ ގޮތަށް ކަރެކްޝަންގެ ފަސް ޓީމެއްގެ މެދުގައި މި ދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި މި މުބާރާތުގެ ލީގު މެޗުތައް މިހާރު ވަނީ ނިމިފަ އެވެ. އަދި އެއަށްފަހު މިހާރު ކުރިއަށް ދަނީ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލުގެ މެޗުތަކެވެ.

ޕީއާރުސީ ފުޓުބޯޅަ ލީގުގެ ޗެމްޕިއަންކަން ޓީމް އެޗްކިއުއިން ހޯދުމަށްފަހު --- ފޮޓޯ// ކަރެކްޝަންސް
މިފަހަރުގެ މި މުބާރާތުގައި ބައިވެރިވެފައި ވަނީ މާލެ ޕްރިޒަނާއި އެމަޖެންސީ ސަޕޯޓާއި އައްސޭރި ޕްރިސަން (ހިންމަފުށީ ޖަލު) އަދި ޓީމް ހެޑް ކުއާޓާ (އެހްކިއު) ގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާފުށީ ޕްރިސަން އެވެ.
ވާދަވެރި މެޗުތަކަކަށް ފަހު 10 ޕޮއިންޓް ހޯދައިގެން ލީގުގެ އެއްވަނައިގެ ގޮތުގައި ޓީމް އެޗްކިއު ސެމީ ފައިނަލަށް ދަތުރު ކުރި އިރު އެ ޓީމުން މިއަދު ބައްދަލު ކުރި މާލޭ ޕްރިސަން އެ ހިސާބަށް ދަތުރު ކުރީ ލީގުގެ ހަތަރުވަނައިގެ ގޮތުގަ އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗު މާދަން ކުޅޭ އިރު އެ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާފުށީ ޕްރިސަނާއި އެމަޖެންސީ ސަޕޯޓެވެ.
މިއަދު ކުޅުނު ސެމީ ފައިނަލުގައި ޓީމް އެޗްކިއުއިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި އެ ޓީމުން މާލޭ ޕްރިޒަން ކޮޅަށް "ގޯލު ފުންޏެއް" ޖެހި އިރު އެ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގާއި ހަސަން އިބްރާހިމް ގެ އިތުރުން ހުސެން ނަބީހު އެވެ. ނަބީހު ވަނީ އެ މެޗުގައި ޓީމް އެޗްކިއުއަށް ތިން ގޯލު ޖަހައިދިނީ ހެޓްރިކު ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
މާލޭ ޕްރިޒަނަށް ސްކޯ ޝީޓުގައި ބޮޅު ކެނޑުނީ ޓީމް އެޗްކިއު އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތުގެ މަގުސަދަކީ އެ އިދާރައިގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.
މި މުބާރާތުގެ ފައިނަލު އޮންނާނީ މި މަހުގެ ނުވައެއް ވާ ހުކުރު ދުވަހު އެފްއޭއެމް ޓާފުގަ އެވެ.