02 Nov 2011, 12:42
ބެލޮން ޑީ'އޯ އޮވޯޑަށް ނޮމިނޭޓްވި 23 ކުޅުންތެރިންގެ ލިސްޓު ފީފާއިން އިއްޔެ އިޢުލާން ކުރިއިރު، އެލިސްޓުގައި އެންމެ ގިނައިން ހިމެނިފައިވަނީ ބާސެލޯނާގެ ކުޅުންތެރިންނެވެ. ބާސެލޯނާގެ އަށް ކުޅުންތެރިން ނޮމިނޭޓްވިއިރު، އެންމެ ކައިރިން ވާދަކުރި ރެއާލް މެޑްރިޑުގެ ފަސް ކުޅުންތެރިން ހިމެނެއެވެ.
މިދިޔަ އަހަރު ބެލޮން ޑީ'އޯ އެވޯޑް ލިބުނު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ މިފަހަރުގެ ލިސްޓުގައި ވެސް ހިމެނެއެވެ. މިފަހަރުގެ ވެސް ފޭވަރިޓެއް ގޮތުގައި ބެލެވޭ މެސީ އާއި އެކު މިއެވޯޑަށް ވާދަކުރާ ބާސެލޯނާގެ ކުޅުންތެރިންނަކީ ޒަވީ ހެނާންޑޭޒް އާއި، އަންދުރޭސް އިނިއެސްޓާ އާއި، ސެސް ފެބްރިގާސް އާއި، ޑޭވިޑް ވިޔާ އާއި، ޑަނީ އަލްވޭސް އާއި، ޖެރޭޑް ޕީކޭގެ އިތުރުން އެރިކް އަބިޑާލް އެވެ. މިދިޔަ އަހަރުގެ ގަދަ ތިނެއްގައި ހިމެނުނީވެސް ބާސެލޯނާގެ ޒަވީ އާއި އިނިއެސްޓާ އަދި އެވޯޑު ހާސިލުކުރި މެސީ އެވެ.
މެސީ އާއި އެންމެ ވާދަވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އާއެކު މިއެވޯޑަށް ވާދަކުރާ ރެއާލް މެޑްރިޑުގެ ކުޅުންތެރިންގެ ތެރޭގައި ކީޕަރު އިކާ ކަސިޔަލް އާއި، ކަރިމް ބެންޒެމާ އާއި، ޒަބީ އަލޮންސޯ ގެ އިތުރުން މެސުޓް އޮޒިލް ހިމެނެއެވެ.
މިލިސްޓުގައި ހިމެނުނު ހަމައެކަނި އިނގިރޭސި ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ އެވެ. ރޫނީ ގެ އިތުރުން ޕްރެމިއާ ލީގަށް ކުޅޭ އުރުގުއޭގެ ސާޖިއޯ އަގުއެރޯ އާއި، ލުއިސް ސުއާރޭޒް ގެ އިތުރުން ސާޖިއޯ އަގުއެރޯގެ ނަން ވެސް މިލިސްޓުގައި ހިމެނެއެވެ. ބެޔާން މިއުނިކުގެ ދެކުޅުންތެރިން ކަމަށްވާ ބަސްޓިއަން ޝުވެންސްޓެއިގާ އާއި ތޯމަސް މުލާ ހިމެނޭއިރު، އިންޓަންމިލާންގެ ޑިއޭގޯ ފޯލާން އާއި ވެސްލޭ ސްނައިޑާ ވެސް މިއެވޯޑަށް ވާދަކުރެއެވެ. ޔޫރަޕްގެ ލީގެއް ނޫން ލީގަކަށް ކުޅޭ ކުޅުންތެރިއެއް ނޫން ކުޅުންތެރިއަކަށް ފާހަގަވެފައިވަނީ ހަމައެކަނި ސަންޓޯސްގެ ނޭމާ އެވެ. އަންޒީ މަކަޝްކަލާ ގެ ސެމުއެލް އެޓޫ ވެސް މިލިސްޓުން ޖާގައެއް ހޯދާފައި ވެއެވެ.
ބެލޮން ޑީ'އޯ އެވޯޑުގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ އެވޯޑަށް ނޮމިނޭޓްވި ކޯޗުންގެ ނަންތައް ވެސް ފީފާއިން އިޢުލާން ކުރިއެވެ. މިދިޔަ އަހަރުވެސް މިއެވޯޑް ހޯދި ރެއާލް މެޑްރިޑް ކޯޗު ހޯސޭ މޮރީނިއޯ ވާދަކުރާއިރު، މިއަހަރުގެ އެވޯޑުގެ ފޭވަރިޓެއް ގޮތުގައި ފާހަގަވެފައިވާ ބާސެލޯނާ ކޯޗު ޕެޕް ގާޑިއޯލާގެ ނަން ވެސް ހިމެނެއެވެ.
ތިރީގައި އެވަނީ ފީފާ ބެލޮން ޑީ'އޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ލިސްޓާއި އެންމެ މޮޅު ކޯޗުގެ އެވޯޑަށް ނޮމިނޭޓްވި ކޯޗުންގެ ނަންތަކެވެ.
ފީފާ ބެލޮން ޑީ'އޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން:
ބާސެލޯނާ – ލިއޮނަލް މެސީ، ޒަވީ ހެނާންޑޭޒް، އަންދުރޭސް އިނިއެސްޓާ، ސެސް ފެބްރިގާސް، ޑޭވިޑް ވިޔާ، ޑަނީ އަލްވޭސް، ޖެރޭޑް ޕީކޭ، އެރިކް އަބިޑާލް
ރެއާލް މެޑްރިޑް – ކްރިސްޓިއާނޯ ރޮނާލްޑޯ، އިކާ ކަސިޔަލް، ކަރިމް ބެންޒެމާ، ޒަބީ އަލޮންސޯ، މެސުޓް އޮޒިލް
މެންޗެސްޓާ ޔުނައިޓެޑް – ވޭން ރޫނީ، ނާނި
އިންޓަމިލާން – ޑިއެގޯ ފޯލާން، ވެސްލޭ ސްނައިޑާ
ބެޔާން މިއުނިކް – ބަސްޓިއަން ޝުވެންސްޓައިގާ، ތޯމަސް މުލާ
މެންޗެސްޓާ ސިޓީ – ސާޖިއޯ އަގުއެރޯ
ލިވަޕޫލް – ލުއިސް ސުއަރޭޒް
އަންޒީ މަކަޝްކަލާ – ސަމުއެލް އެޓޫ
ސަންޓޯސް - ނޭމާ
ފިފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ނޮމެނޭޓްވި ކޯޗުން:
ހޯސޭ މޮރީނިއޯ (ރެއާލް މެޑްރިޑް)
ޕެޕް ގާޑިއޯލާ (ބާސެލޯނާ)
ވިސެންޓް ޑެލް ބޮސްކް (ސްޕެއިން ގައުމީ ޓީމު)
އަންދުރޭ ވިލަސް ބޮއަސް (ޗެލްސީ)
އެލެކްސް ފާގަސަން (މެންޗެސްޓާ ޔުނައިޓެޑް)
އާސެން ވެންގާ (އާސެނަލް)
ރުޑީ ގާސިއާ (ލިލޭ)
ޖާޖަން ކްލޮޕް (ބޮރޫސިއާ ޑޯޓްމުންޑް)
ޖޯޝިމް ލޯ (ޖަރުމަން ގައުމީ ޓީމު)
އޮސްކާ ތަބަރޭޒް (އުރުގުއޭ ގައުމީ ޓީމު)