ސުނާމީ ބިނާ މައިޒާނާއި ރަސްފަންނާ ދެމެދުގައި އަޅާފައިވާ ޖޮގިން ޓްރެޖްގެ މަސައްކަތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި، އާސަންދައިގެ ބަޖެޓުން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާސްންދަ ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީގައި ވާހަކަދައްކަވަނުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އާސަންދަ ކުންފުނިން ކޮށްފައިވާ ޚަރަދުތައް ބަލަމުން އަންނަ ކަމަށާއި އެގޮތުން ބައެއް ކަންތައްތައް މިހާރު ވެސް އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

"އާސަންދައިން ކޮށްފަ އޮތް މަސައްކަތެއް އެބައިން ރަސްފަންނުގަ ދުވާ ޓްރެކެއް އެޅުމަށް އާސަންދައިގެ ބަޖެޓުން ޚަރަދުކޮށްފައި އެބަހުރި. އެއީ 9.5 މިލިއަން ރުފިޔާ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަދި އެއީ ލިޔެކިޔުންތަކުން ފެންނަން ހުރި މިންވަރު ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ރަސްފަންނު ހެދި އިރު އެތަނުގެ އެއްވެސް ބައެއް އާސަންދަ ކުންފުންޏާ ހަވާލުކުރިތޯ އެސްއޯއީ ކޮމެޓީގެ މުގައްރިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ސުވާލު ކޮށްފަ އެވެ.

އެ ސުވާލައް ޖަވާބު ދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ރަސްފަންނުގެ އެއްވެސް ބައެއް އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައި ނެތް ކަމަށާއި ދުވާ ޓްރެކް ހެދުމަށް އާސަންދަ ކުންފުނީގެ ބަޖެޓުން ޚަރަދުކުރީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސިޓީ އަކުން 'ޑައިރެކްޝަން' ލިބިގެން ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ހަތް ސަތޭކަ މީޓަރު ދިގު މިނުގެ އެ ޓްރެކް ހެދުމަށް އޭރުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑްއާ އެވެ.