06 Aug 2019, 16:26
މިމަހުން ފެށިގެން ދެ މަސްތެރޭ މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ޓެކްސީއެއް ޓްރާންސްޕޯޓް އޮތޯރިޓީ އިން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަން ބޭނުން ކުރަންޖެހޭގޮތަށް އޮތްއޮތުން ބާތިލްކޮށްފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީކޮށްފައިވާ ޓެކްސީތަކުން އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރު ނޫންނަމަވެސް މި މަހުގެ އެކަކުން ފެށިގެން ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރާ ޓެކްސީތަކަކަކީ އެ އޮތޯރިޓީ އިން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަނެއްގައި ރެޖިސްޓްރީވެފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށެވެ.
ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަނުގައި ބައިވެރިވުމަށް ޓްރާންސްޕޯޓު އޮތޯރިޓީ އަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.
ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަން ތަކަކީ:
އަވަސް ރައިޑް
ޕިކްމީ، ސްރީލަންކާ
އެއައީ
ޕްރައިވެޓް ހަޔާގެ ހުއްދަ ދޭނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށާއި އެގޮތުން ޑްރައިވަރުގެ ޑްރައިވިން ލައިސެންސްގެ ކޮޕީ އާއި ޕޮލސިް ރެކޯޑް އަދި މެޑިކަލް ރިޕޯޓުގެ އިތުރުން ޓްރެފިކް ފުލުހުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޮޓް އޮތޯރިޓީން ހުއްދަ ދީގެން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވެ ލިބިފައިވާ ލިޔުން ހުށަހެޅުމުން ހުއްދަ ދޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުންޏެވެ.
ހަ މަސް ދުވަހުގެ ތެރޭގައި މި ސެޓްފިކެޓް ހުށަހަޅާގޮތަށް ޕްރައިވެޓް ހަޔާ އަށް ފަށައިގަންނަ އިރު ޕްރައިވެޓް ހަޔާ ޑުރައިވަރުންނަށް ސެޓްފިކެޓް ނެތް ނަމަވެސް ހުއްދަ ދޭނެ ކަމަށްވެސް ޓްރާންސްޕޯޓު އޮތޯރިޓީން ބުންޏެވެ.
ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
މިއަގުތަކަށް ޓެކްސީތަކުން ދަތުރު ކުރޭތޯ ބެލުމަށް ފުލުހުންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. ނަމަވެސް ޑްރައިވަރުން ވަނީ އަގުތައް މާ ކުޑަކަމަށްބުނެ ކަންބޮޑުން ފާޅުކޮށްފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ސަރުކާރުން ޑްރައިވަރުންނާ އެކު މަޝްވަރާ ކުރީ ރައްޔިތުންގެ ޝަކުވާތައް ވެސް ހައްލު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އަގުތައް ކަނޑައެޅީ ދެ ފަރާތަށް ވެސް ފަސޭހަ ވާނެ ގޮތަށް ބަލައިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ސަރުކާރުން މަޝްވަރާ ކުރާނެ ހުރިހާ ފަރާތްތަކާ ވެސް. އެކަމަކު އަގު ކަނޑައަޅައި އެކަންކަން ނިންމާނީ ސަރުކާރުން ދެއްތޯ؟ އެއީ ޑްރައިވަރުންގެ އަތުގައި އޮންނަ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.