މިދޔަ ހޮނިހިރު ދުވަހު ހ. ޓެންސްޓާގައި ރޯވެ ލިބުނު ގެއްލުންތަކާ ގުޅިގެން، ވަގުތީ ހިޔާތަކަށް ބަދަލުކުރި އެގޭގެ މީހުން އެނބުރި ގެއަށް ބަދަލުވެއްޖެ އެވެ.

ޓެންސްޓާ ގޭގައި އަލިފާން ރޯވީ އެގެއާ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް ބުރި އަލިފާން ކަންޏެއް ޓެންސްޓާގެ ޓެރަސް މަތީގައި އޮތް ގޮދަނޑިއެއްގައި ޖެހި އޭގައި ރޯވެގެންނެވެ. އެ ހާދިސާގައި އެގޭގެ ޓެރަސްއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ ހާދިސާއާ ގުޅިގެން އަލިފާން ނިންވުމުގެ ތެރޭގައި ކަރަންޓްބޯޑުތަކަށް ފެންއެޅުމުން އެގޭގައި ދިރި ނޫޅެވޭ ވަރުވި އެވެ. އެ ގޭގެ 16 މީހަކު ވަގުތީ ހިޔާއަށް ޑިޒާސްޓާ އިން ބަދަލުކުރި އެވެ.

އެ ހާދިސާގައި ޓެންސްޓާގޭގައި ހުރި، 9000 ބީޓޫޔޫގެ ހިޓާޗީ އެއާކޯނަކާއި، ދެ ބައިސްކަލަކާއި މަސް ޓޭންކެއްގެ އިތުރުން ޕްލާސްޓިކް މޭޒަކާއި ގޮދަނޑިއަކަށް ގެއްލުން ލިބުނެވެ.

އޭގެ އިތުރުން ލަކުޑިން ހަދާފައި ހުރި ކަބަޑަކާއި، ތިން ބޫޓާއި ޓެރަސްއަށް ވަންނަ ދޮރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޓެންސްޓާގެ މީހަކު މިއަދު "ސަން" އަށް ބުނީ އެމީހުން އަނބުރާ އެ ގެއަށް ބަދަލުވީ މިއަދު ކަމަށެވެ. އަދި އެގޭގެ ކަރަންޓް ބޯޑަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އެގޭގެ މީހުންނަށް ފަސް ކޮޓަރީގައި ތިބުމުގެ ހަރަދު ދިން ކަމަށްވެސް ޓެންސްޓާގެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.