ޗެމްޕިއަންސް ލީގުގައި އޮޓެލުލް ގަލާޓީ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅޭ މެޗުން އެކުލަބުގެ އިނގިރޭސި މިޑްފީލްޑަރު ޓޮމް ކްލެވަލީ ނުފެންނާނެ ކަމަށް އެޓީމުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މިރޭގެ މެޗުގެ އިތުރުން ޕްރެމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ސަންޑަލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކްލެވަލީ އަށް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވަޓަން އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން މެންޔުނައިޓެޑް މޮޅުވި މެޗުގައި ކްލެވަލީ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މެޗުގެ ކުރީކޮޅު ދަނޑުން ފައިބާފައި ވެއެވެ. މިއަނިޔާއާއި ގުޅިގެން ކްލެވަލީ އަށް ދެމެޗު ގެއްލިގެން ދިއުން ވެސް އެކަށީގެން ވެއެވެ.

"މިރޭގެ މެޗުގައި ކްލެވަލީ އެއް ނުފެންނާނެ. ކްލެވަލީ ގެ އަނިޔާ އެހާ ގޯހެއް ނޫން. ސީޒަނުގެ ބޮޑު ބައެއްގައި އަނިޔާނުވެ ބެހެއްޓުމުގެ ގޮތުން މިރޭގެ މެޗުން އޭނާ ވާނީ ސްކޮޑުން ބާކީ ކޮށްފަ. ޕްރެމިއާ ލީގުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅޭ މެޗުން ވެސް ކްލެވަލީ ނުފެނިދާނެ." ފާގަސަން ބުންޏެވެ.

ލޯނުގެ ދަށުން މިދިޔަ ސީޒަނުގައި ވިގަން ގައި ހޭދަކުރުމަށް ފަހު، މިސީޒަނުގައި އެނބުރި މެންޔުނައިޓެޑް ޓީމާއި ގުޅި ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންދާ ތަން ފެނިފައި ވެއެވެ. މިއަނިޔާގެ އިތުރުން ވެސް މިސީޒަނުގައި ކްލެވަލީ އަށް އަނިޔާވެފައި ވެއެވެ.