މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަަވައިދަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.

އެމަނިކުފާނު މިއަދު މަޖިލީހުގައި ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް މާފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކި ކުރުމަށް ހާއްސަކޮށްގެން އެކުލަވާލާ ކޮމިޓީގައި ތިބެން ހުށަހަޅުއްވަނީ، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކަމަށް ގަބޫލު ކުރެވެ އެވެ.

ހާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ ބޭނުންތެރިކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށެވެ. އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަކީ މި މަޖިލީހުގެ އެންމެ ކޮމިޓީއަކުން ބޮޑު މަސައްކަތް ކުރާ ބާވަތުގެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ހަމަ އަޅުގަނޑުމެންގެ މެންބަރުން ކޮމިޓީއެއްގައި ތިއްބަވާފައި ޖަޒުބާތުގައި ޖޯޝުގައި ކުރާ ކަމެއް ނޫން އެއީއަކީ، އެއީ އިޖުރާއަތުތަކެއްގެ ތެރެއިން ވަކިވަކި ފިޔަވަޅުތަކެއް އަޅައި އެކި އެކި ތަންތަނުގައި ހުއްޓި، އެކި އެކި ގޮތްގޮތަށް އެނބުރި ވިސްނައި ބަލައި އަޅުގަނޑުމެން ހިންގާ މަސައްކަތެއް،"

ރައީސް ނަޝީދު އަދި ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމުގައި މަޖިލީހުން ގެންގުޅޭ ގޮތްތަކަކީ ރައްޔިތުން ބަލައިގަންނަ އުސޫލުތަކަކަށް ވާން ޖެހޭނެ ކަމަށެެވެ. އަދި ޒިންމާދާރު ދައުލަތެއް އުފެއްދުމަށް ޓަކައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން ނެގުމާއި ވަކިކުރުމުގެ އުސޫލު ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހުގެ އާ ގަވާއިދު އަންނަ އިރުގައި ނަޒާހަތްތެރި މަޖިލީހެއް ޒިންމާދާރު ދައުލަތެއް ހިންގުމަށް ބޭނުންވާނެ ހުރިހާ ކަންތައްތަކެއް އެ ގަވާއިދުގެ ތެރެއިން އަންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ކޮމިޓީގެ މުގައްރިރުކަން ކުރެއްވުމަށް ޝައުގުވެރިވާކަން ފާޅު ކުރައްވައިފަ އެވެ.

މިފަހުން އޭސީސީއަށް މެންބަރުން ހޮވުމުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މާކްސް ދިން ގޮތާއި އަދި ބްރޮކްކޮމްގެ މެންބަރުން ވަކިކުރަން އެ ކޮމިޓީއިން އަމަލުކުރި ގޮތާ މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.