އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެހީތެރިކަން ހޯދުމަށް އިސްނެންގެވީ ފުލުހުންގެ ފަރާތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ކަން ހާމަ ވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިއުތިރާފްވެ، ތަހުގީގަށް އެއްބާރުލުންދީ ހިޔާނާތުގެ މައުލޫމާތު ހިއްސާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު އަދީބު އެއްބަސްވުމެއް ހަދާފައިވާކަން މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަދީބު މާލެ ގެނެސް ބޭއްވި ފުރަތަމަ ބަންދުގެ މަޖިލީހުން ވަނީ ހާމަވެފަ އެވެ. އަދި ފިއްލަވަން މަސައްކަތް ކުރީ އެ އެއްބަސްވުމުގެ ދަށުން ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމުން އޭނާއަށް އައި އިންޒާރުތަކާ ގުޅިގެން ފުރާނައަށް ނުރައްކާވެގެން ކަމަށެވެ.

އަދީބު އިއްޔެ ހެނދުނު ހައްޔަރުކޮށް އޭނާގެ ގާނޫނީ ވަކިލު މަހްފޫޒު ސައީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތަހުގީގުގު މީގެ ކުރިން ހިންގާފައިވަނީ ވަކި މީހަކު ޖަލަށް ލާންކަން ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މުޅި މައްސަލައިގެ ހަގީގަތް ހޯދުމަށް އަދީބުގެ އެއްބާރުލުން ބޭނުންވާކަން ފުލުހުން އެންގި ކަމަށެވެ.

"އެމްއެމްޕީއާރުސީގެ މުޅި މައްސަލައިގެ ހަގީގަތް ހޯދައި، މައްސަލަ އަލުން ތަހުގީގު ކުރުމަކީ އޭސީޕީ ރިޔާޒުގެ ވިސްނުމެއް. އެކަމުގައި އަދީބުގެ އެހީތެރިކަން ހޯދުމަށް ހުށަހެޅީވެސް ރިޔާޒު، އެއީ ރަނގަޅު މަގްސަދެއްކަމަށް ގަބޫލު ކުރެވޭތީ އެކަމަށް އެއްބާރުލުންދޭން އަދީބު ނިންމެވި." އިއްޔެ ހަވީރު ބޭއްވި ބަންދުގެ މަޖިލީހުގައި މަހްފޫޒު ވިދާޅުވި އެވެ.

އިއްޔެ ބަންދުގެ މަޖިލީހަށް އޭސީޕީ ރިޔާޒުވެސް ވަޑައިގެންނެވި އެވެ. ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅިގެން ފުލުހުންގެ ފަރާތުން އޭނާ އަދީބާއެކު "ނެގޯޝިއޭޓް ކުރި" ކަމަށެވެ. އަދި މުޅި މައްސަލަ ތަހުގީގުކޮށް މުޅި މައްސަލައިގެ ހަގީގަތް ދެނެގަތުމަށް އަދީބުގެ އެހީތެރިކަން ބޭނުންވާކަން މަޝްވަރާތަކުގައި ދެންނެވި ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"[އަދީބާއެކު ކުރި] ނެގޯޝިއޭޝަންތަކުގެ ޓާމްސް އެންޑް ކޮންޑިޝަންސް އަކީ މުޅި މައްސަލައިގެ ތަހުގީގެއްކޮށް މުޅި މައްސަލަ ނިންމުން،" ރިޔާޒު ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު އަދީބުގެ އަރިހުގައި: ރިޔާޒު ވިދާޅުވީ އަދީބުގެ އެހީތެރިކަން ހޯދީ މުޅީ މައްސަލައިގެ ހަގީގަތް ހޯދުމަށް ކަމަށް -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއެކު ފުލުހުން މަޝްވަރާތަކެއްކޮށް އެނާއާއެކު އެއްބަސް ވުމެއް ހެދިކަމަށް ހާމަވެފައިވާއިރު، މިދިޔަ މަހު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި އޭސީޕީ ރިޔާޒު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކު ސަލާމަތް ކުރުމަށް މަޝްވަރާ ނުކުރާ ކަމަށާއި އެފަދަ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ ވަކީލު ވިދާޅުވެފައި ވަނީ، މީގެ ދެ މަހެއްހާ ދުވަސްކުރިން އަދީބާ އެކު ދައުލަތުން އެއްބަސްވުމެއް ހެދި ކަމަށެވެ.

އިއްޔެ ބޭއްވި ބަންދުގެ މަޖިލީހުގައި އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރާއި އެކަމުގައި ދެން ބައިވެރިވި މީހުންނާއި އޭގެ ތަފްސީލްތައް ފުލުހުންނާ ހިއްސާކުރަމުންދާ ކަމަށެވެ.

ބަންދުގެ މަޖިލީހުގައި ގާޒީ ވަނީ އެމްއެމްޕީއަރުސީގެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަދީބަށް ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް އެ ހިޔާނާތާ ގުޅިގެން އެއްވެސް މައުލޫމަތެއް ބަންދުގެ މަޖިލީހުގައި ހާމަކުރައްވަން އަދީބު އިންކާރުކުރެއްވި އެވެ. އަދީބު ވިދާޅުވީ ފުލުހުންނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އޭނާ ވަނީ ފުލުހުންނަށް ދިން ބަޔާންތަކުގައި އެވާހަކަތައް ކިޔާދީފައި ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތައް އަދިވެސް މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަޅުގަނޑުގެ ބައިވެރިވުން އޮތް މިންވަރާއި އެހެން މީހުންގެ މައުލޫމަތުވެސް އަޅުގަނޑު މިދަނީ ފުލުހުންނާ ހިއްސާ ކުރަމުން،" އަދީބު އިއްޔެ ވިދާޅުވި އެވެ.

އަދީބު އެގޮތަށް ވިދާޅުވުމުން ރިޔާޒު ވިދާޅުވީ، އެއީ އޭނާ އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިއުތިރާފްވުން ކަން ބެލެވޭނެ ކަމަށެވެ.

ޕީޖީއާ އެކު ވެފައިވާ އެއްބަސްވުމާ އެގޮތަށް މައުލޫމާތު ހިއްސާ ކުރުމަށް މިހާތަނަށް ފުލުހުންނާއެކު 16 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އަދީބުގެ ވަކީލް މަހްފޫޒު އިއްޔެ ބަންދުގެ މަޖިލީހުގައި ހާމަކުރެއްވި އެވެ. އަދި އެއިން ކޮންމެ ބައްދަލުވުމެއްގައި 4-3 ގަޑިއިރު ހޭދަކުރާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ހިޔާނާތާއި ޓެރަރިޒަމްގެ ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް މީގެ ކުރިން އިއްވި އެވެ. އޭގެތެރެއިން ހުރިހާ ހުކުމެއްވެސް ވަނީ ބާތިލް ކޮށްފަ އެވެ. މިހާރު ކޯޓުގެ މަރުހަލާގައި އޮތީ، ޅ. މާބިންހުރާ މައްސަލައިގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރި މައްސަލަ އެވެ. ސުޕްރީމް ކޯޓްގައި ދައުލަތުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އަދީބު ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އެ މައްސަލައިގައި ގޮތެއް ކަނޑައަޅަން ދެނެވެ.

ސުޕްރީމް ކޯޓުގައި ވަނީ މިއަދު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. އެ މައްސަލައިގައި އަދީބަށް ގަނޫނީ ވަކީލަކު އައްޔަން ކުރުމަށް ހަތް ދުވަސް ވަނީ ދީފަ އެވެ. އަދި ދައުލަތުން ވަނީ އޭނާގެ އެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.