ވޮޝިންޓަން (އޮގަސްޓް 6): ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމާމެދު ކަންބޮޑުވާކަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ހާމަކުރަމުން އެބަ ދެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ވިދާޅުވީ އިންޑިއާގެ ނިންމުމާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގައި ހަމަނުޖެހުން އުފެދި އިންސާނީ ހައްގުތަކަށް ނުރައްކާވާ ހިސާބަށް މައްސަލަ ގޯސްވެދާނެކަމުގެ ބިރު ހީވާތީ ކަންބޮޑުވާކަމަށާއި ޖައްމޫ އެންޑް ކަޝްމީރުގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާ ކަމުގައެވެ.

އަދި ޖައްމޫ އެނޤޑް ކަޝްމީރުގެ އިތުރުން ޕާކިސްތާނުން ބަލަހައްޓާ އާޒާދު ކަޝްމީރުގެ ދެމެދުގައިވާ ސަރަހައްދީ ރޮނގު ނުވަތަ "ލައިން އޮފް ކޮންޓްރޯލް" އަށް ހުރިހާ ފަރާތްތަކަކުންވެސް އިހުތިރާމް ކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ގޮވާލެއްވިއެވެ.

އެމެރިކާގެ އިތުރުން ޕާކިސްތާނާއި ތުރުކީވެސް ވަނީ އިންޑިއާގެ މި ފިޔަވަޅާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގައި ވާހަކަދައްކަވަމުން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ، އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދު ީ، ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލެއްވިކަން އިއުލާނުކުރައްވާފައެވެ.

މިއާއެކު ޖައްމޫ އެންޑް ކަޝްމީރުގެ ނަމުގައި މިހާރު އޮތް ސްޓޭޓު އުވާލައި، އެ ސްޓޭޓު ދެ ޔޫނިއަން ޓެރިޓަރީއަށް ބައިކުރުމުގެ ގަރާރެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވިއެވެ. އެއީ "ޖައްމޫ އެންޑް ކަޝްމީރު"ގެ އިތުރުން "ލަޑާކް"އެވެ.

ކަޝްމީރުގެ މުސްލިމު ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިމްތިޔާޒުތައް އުވާލައި، މައި ސަރުކާރުގެ ސީދާ ބާރު ހިނގާ ޔޫނިއަން ޓެރިޓަރީއަކަށް ޖައްމޫ އެންޑް ކަޝްމީރު ބަދަލުކުރުމުގެ ބޭނުމަކީ އެގައުމުގެ މުސްލިމު އަގުލަބިއްޔަތު ނަގާލުމެވެ. ކަޝްމީރަކީ އިންޑިއާގެ ހަމައެކަނި މުސްލިމު އަގުލަބިއްޔަތު އޮންނަ ސްޓޭޓެވެ.

އިންޑިއާގެ މައި ސަރުކާރުން މި ނިންމުންތައް ނިންމި އިރު ކަޝްމީރުގެ ކުރީގެ ދެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲއާއި މެހެބޫބާ މުފްތީ ހުންނެވީ ގޭބަންދުގައެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ޖައްމޫ އެންޑް ކަޝްމީރާށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓުތަކުގެ ރައްޔިތުންނަށް ކަޝްމީރުގެ ރަށްވެހިކަން ނުލިބުމުގެ ފުރުސަތާއި، ކަޝްމީރުގެ މީހުން ނޫން މީހުންނަށް އެ ސްޓޭޓުން ބިން މިލްކު ނުކުރެވުމާއި އެ ސްޓޭޓުގެ ސަރުކާރުން ވަޒީފާގެ އިތުރުން ސްކޮލަޝިޕް ފަދަ ތަކެތި ނުލިބުން ހިމެނެއެވެ.

މި އިމްތިޔާޒުތައް އެ ސްޓޭޓަށް ދިނީ އިނގިރޭސި އިސްތިއުމާރުން އިންޑިއާ މިނިވަންވި އިރު، މުޅި ކަޝްމީރުގެ ސަރަހައްދު (ޕްރިންސްލީ ސްޓޭޓް އޮފް ކަޝްމީރު)އާ މެދު ވަކި ގޮތެއް ނިންމާފައި ނުވުމުގެ ސަބަބުން އެ ދުވަސްވަރު އެ ސަރަހައްދުގައި ހަނގުރާމަ ހިނގައި، އިންޑިއާއާއި ޕާކިސްތާނުންވެސް ކަޝްމީރުގެ ބައެއް ހިފުމާ ގުޅިގެން އައި ހާލަތަށް ރިއާޔަތްކޮށެވެ.

މިގޮތަށް ރިއާޔަތްކުރީ ކަޝްމީރަކީ މުސްލިމު އާބާދީއަކަށް ވެފައި، އިންޑިއާއިން މިނިވަންވުމުގެ ހަރަކާތަށް ކަޝްމީރު ރައްޔިތުންގެ ރުހުން ހޯދުމަށެވެ. ނަމަވެސް ހިންދޫ ހަރުކަށި ޚިޔާލުގެ ބީޖޭޕީއިން އިންޑިއާގައި ވެރިކަން ކުރާ އިރު، ކަޝްމީރުގެ އިމްތިޔާޒުތައް އުވާލައި ހިންދޫއިންގެ ކޮންޓްރޯލު ކަޝްމީރުގައި ހިންގަން އުޅޭކަމަށް ބައެއް ފަރާތްތަކަށް ތުުހުމަތުކުރެއެވެ.

އިންޑީއާގެ އިދިކޮޅު ޕާޓީތަކުގެ މެންބަރުންވެސް ވަނީ މި ނިންމުމަކީ ކަޝްމީރުގައި ހަމަނުޖެހުންތައް އިތުރުވުމަށް މަގުފަހި ވާނެ ކަމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް ޕާލަމެންޓްގައި އަޑުގަދަ ކުރައްވާފައެވެ.

ޕާކިސްތާނުން ވަނީ އިންޑިއާގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް އެއީ ކަޝްމީރުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ޚިލާފު ނިންމުމެއްކަމަށް ބުނެފައެވެ. އިންޑިއާ ސަރުކާރުން ވަނީ މި ނިންމުމާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބަލައި އެ ސަރަހައްދަށް އެތަށް ހާސް ސިފައިން ފޮނުވައި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.

އަދި ޓެރަރިސްޓް ހަމަލާތަކެއްގެ ބިރުއޮތްކަމަށްބުނެ އިންޑިއާގެ މައި ސަރުކާރުންވަނީ އިންޓަނެޓާއި، މޯބައިލް ފޯނުގެ ޚިދުމަތްތައް ކަޝްމީރުން ކަނޑާލައި، ކަޝްމީރުގެ ސިޔާސީ ލީޑަރުން ގޭބަންދުގައި ބޭތިއްބުންފަދަ ހަރުކަށި ފިޔަވަޅުތައްވެސް އަޅާފައެވެ.

(ނޫސްއެޖެންސީތައް)