07 Aug 2019, 09:04
ގްރީން ޓެކުހުގެ ފައިސާ ޖަމާކުރާ ގްރީން ފަންޑަށް މިއަހަރުގެ މިހާތަނަށް 305.6 މިލިއަން ރުފިޔާ ޖަމާވެފައި އެބަ ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީއިން މަހަކު އެއްފަހަރު ނެރެމުން އަންނަ ގްރީން ފަންޑް ރިޕޯޓްގެ ޖުލައި މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ވަނީ، އެ ފަންޑަށް 458.9 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ. އެ ފައިސާގެ ތެރެއިން، 153.3 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއަތަކަށް ހަރަދުކޮށްފަ އެވެ. އެހެން ކަމުން ޖޫން މަސް ނިމުނު އިރު އެ ފަންޑްގައި މިހާރު ބާކީ ވަނީ، 305.6 މިލިއަން ރުފިޔާ އެވެ.
އެ ރިޕޯޓްގައިވާ ގޮތުގައި ގްރީން ފަންޑްގެ ފައިސާއިން ހިންގާ ޕްރޮޖެކްޓްތަކުގެ އަގު، 37.74 މިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހަރަދުވަނީ އއ. ރަސްދޫގައި ފެން ޕްލާންޓެއް ބެހެއްޓުމާއި ސްޓޯރޭޖް ޓޭންކެއް ބެހެއްޓުމުގެ މަޝްރޫއަށެވެ. އެ މަޝްރޫއަށް 7.5 މިލއިަން ރުފިޔާ ހަރަދު ކުރެ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގަނީ ސާފުބޯފެނާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށެވެ. އެގޮތުން އެ މަޝްރޫއަށް 7.03 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އެ ފަންޑުން ދެން ހަރަދުކުރާ މަޝްރޫއުތަކަކީ، ނަރުދަމާ ނިޒާމް ގާއިމް ކުރުމާއި ފެން ޕްލާންޓް ގާއިމްކުރުން، ކުނި ނައްތާލުމުގެ މަޝްރޫއުތައް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަ ން ފެށީ، 2016 އިން ފެށިގެން އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓްތަކުން 52.14 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ގެސްޓްހައުސްތަކުން 1.73 މިލިއަން ރުފިޔާ ވަނީ ގްރީން ޓެކުހުގެ ގޮތުގައި ލިބިފަ އެވެ. އަދި ހޮޓާ ތަކުން، 1.06 މިލިއަން ރުފިޔާ ލިބުނު އިރު، 1.53 މިލިއަން ރުފިޔާ ވަނީ ސަފާރީ ބޯޓުފަހަރުތަކުން ލިބިފަ އެވެ.
މާލެ އަތޮޅު ނެގުމަށް ފަހު ގްރީންފަންޑަށް ދެން އެންމެ ގިނަ އާމްދަނީ ލިބެނީ، އދ އަތޮޅުން އެވެ. އެގޮތުން 6.84 މިލިއަން ރުފިޔާ ވަނީ އެ އަތޮޅުން އެކަނި ލިބިފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އާމްދަނީ ލިބުނު އއ. އަތޮޅުން 5.12 މިލިއަން ރުފިޔާ ލިބުނު އިރު، ޅ. އަތޮޅުން ވަނީ 4.36 މިލިއަން ރުފިޔާ ލިބިފަ އެވެ.
މާލެ އަތޮޅުން އެކަނި ގްރީންފަންޑަށް ވަނީ، 19.77 މިލިއަން ރުފިޔާ ލިބިފަ އެވެ.
ގްރީންޓެކުހުގެ އާމްދަނީގެ ގޮތުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ، 458.89 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ 5.2 ޕަސެންޓެވެ.