ދެކުނު އޭޝިއާގެ ގައުމުތަކުން ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުލަވާލާ ސަރަހައްދީ އެއްބަސްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްއިން އިސްނަގައިގެން ގާއިމްކުރަން ހުށައަޅާފައިވާ މިއެއްބަސްވުމަކީ ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގާއިމުކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގެވެ.

އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން އޮތީ ރުހުން ދީފައެވެ. އެހެންކަމުން ރައީސް އޮފީހުން ވަނީ މި އެއްބަސްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ގައުމުތަކަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ހައްގުތަކާއި ގައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދެނެގަތުމެވެ.

މި ގައުމުތަކުގެ މެދުގައި އެއްބަސްވެގެން ހިންގާ ބައިނަލްއަގްވާމީ އޮޕްރޭޝަންތައް ހިންގުމުގެ ގޮތުން ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ކުށްތަކާގުޅޭ މައުލޫމާތު އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓާ، އަދި ބޭނުންޖެހިއްޖެ ހިނދެއްގައި މިފަދަ މައުލޫމާތު އެއް ގައުމުން އަނެއް ގައުމާ ހިއްސާކުރެވޭކަން ސެންޓަރުން ކަށަވަރުކުރުކުރާނެއެވެ.

ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ އުސޫލުތަކާއި މި އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކުގެ އަލީގައި އެއް ގައުމުން އަނެއް ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމްކޮށް ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫ ނާރާނެހެން، މިފަދަ ކުށް ކުރުން ހުއްޓުވުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނެ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ގައުމުތަކުގެ ދެމެދުގައި މި ސެންޓަރު މެދުވެރިކޮށް މައުލޫމާތު ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ، މައުލޫމާތު ހިއްސާކުރާ ގައުމުގެ ގަނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

މި އެއްބަސްވުމުގެ ދަށުން ސެންޓަރެއް ގާއިމުކޮށް ހިންގަން ފެށުމަކީ، ދިވެހިރާއްޖޭގައި ކުށުގެ ވެށި ކޮންޓްރޯލުކޮށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ގާއިމުކޮށް، މިފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.