ޗެމްޕިއަންސް ލީގުގައި ރޭ ކުރިއަށް ދިޔަ މެޗުތަކުން ޗެލްސީ، އާސެނަލް އަދި އޭސީ މިލާން ކުޅުނު މެޗުތަކުން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ވިކްޓޯރިއާ ޕުލްޒެން އާއި ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ބާސެލޯނާ ވަނީ ފަސޭހަ ކަމާއެކު މޮޅުވެފަ އެވެ.

ގްރޫޕް އީގައި ރޭސިންގް ގެންކާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއިން ކުރި ހޯދި ނަމަވެސް ދެވަނަ ހާފުގައި ގެންކް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ޗެލްސީ އަށް ޖަހައި ލީޑު ހޯދައިދިނީ ރަމިރޭސް އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޗެލްސީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ގްންކްގެ ކީޕަރު ލާޒްލޯ ކޯޓެލެސް ވަނީ ޑޭވިޑް ލުއިޒް ޖެހި ޕެނަލްޓީ ދިފާޢު ކޮށްފަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ގެންކް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެލޭ ވޮސެން އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މިގްރޫޕުގެ އަނެއް މެޗުގައި ބެޔާން ލެވަކޫސަން އާއި ދެކޮޅަށް ކުޅުނު ވެލެންސިއާ ކުޅުނު މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. ދިހަ ސިކުންތު ނުވަނީސް ވެލެންސިއާ އަށް ލީޑު ހޯދައިދިނީ ޖޯނަސް އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސްޓެފަން ކިއެބްލިންގް ވަނީ ބެޔާން ލެވަކޫސަން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 65 ވަނަ މިނެޓުގައި ރޮބާޓޯ ސޮލްޑާޑޯ ވެލެންސިއާ އަލުން ލީޑު ހޯދައިދީފައި ވަނިކޮށް، އަޑިލް ރަމީ ވަނީ އެލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ ޕޮއިންޓް ތާވަލުގެ މަގާމުތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަށް ޕޮއިންޓާއެކު އެއްވަނާގައި ޗެލްސީ އޮތްއިރު، ދެވަނާގައި އޮތް ބެޔާން ލެވަކޫސަން އަށް ލިބުނީ ހަ ޕޮއިންޓެވެ. ފަސް ޕޮއިންޓާއެކު ތިންވަނާގައި ވެލެންސިއާ އޮތްއިރު، ލިބުނު ދެޕޮއިންޓާއެކު އެންމެ ފުލުގައި އޮތީ ރޭސިންގް ގެންކް އެވެ.

އާސެނަލް އިން ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ މާސޭލް އިން ވަނީ ހިފަހައްޓައިފަ އެވެ. ގްރޫޕް އެފްގައި ކުޅުނު މިމެޗުގައި އާސެނަލް އިން ނުރައްކާތެރި ހަމަލާ ތަކެއް އުފެއްދި އިރު، މާސޭލް އިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިމެޗު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މިގްރޫޕުގެ އަނެއް މެޗުން ބޮރޫސިއާ ޑޯޓްމުންޑް މޮޅުވީ އޮލިމްޕިއާކޯސް އާއި ވާދަކޮށެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު ހަތްވަނަ މިނެޓުގައި ޑޯޓްމުންޑް އަށް ކާމިޔާބު ކޮށްދިނީ ކެބިން ގްރޮމްކްރޫޓްޒް އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ޑޯޓްމުން ކުރީގައި އޮވެގެންނެވެ. މިގްރޫޕޫގެ އެއްވަނާގައި އަށް ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ހަތް ޕޮއިންޓާއެކު ދެވަނާގައި މާސޭލް އޮތްއިރު، ހަތަރު ޕޮއިންޓާއެކު ތިންވަނާގައި އޮތީ ޑޯޓްމުންޑް އެވެ. ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕުގެ އެންމެ ފުލުގައި އޮތީ އޮލިމްޕިއާކޯސް އެވެ.

ގްރޫޕް ޖީގައި އެފްސީ ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗު އެޕޯލް ނިކޯސިއާ ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެޕޯލް ނިކޯސިއާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑު ހޯދައިދިނީ އޭލްޓަން އަލްމެއިޑާ އެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޕޯޓޯ އަށް ލިބުނު ޕެނަލްޓީ އަކުން ހަލްކު ނަތީޖާ ހަމަހަމަ ކޮށްދިން، ނަމަވެސް، މެޗުގެ އެންމެ ފަހު މިނެޓުގައި ގުސްތާވޯ މަންޑޫކާ ވަނީ ނިކޯސިއާ އަށް އަލުން ލީޑު ހޯދައިދީފަ އެވެ.

މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ޝާޚްތަރު ޑޮނޭސްކް އާއި ދެކޮޅަށް ކުޅުނު މެޗު ޒެނިތް ކާމިޔާބުކުރީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރީ ޒެނިތް ގެ ނިކޮލަސް ލޮމްބާޓްސް އެވެ. މިގްރޫޕުގެ އެއްވަނާގައި އަށް ޕޮއިންޓާއެކު އޮތީ އެޕޯލް ނިކޯސިއާ އެވެ. ހަތް ޕޮއިންޓާއެކު ދެވަނާގައި ޒެނިތް އޮތްއިރު، ހަތަރު ޕޮއިންޓާއެކު ތިންވަނާގައި އޮތޯ ޕޯޓޯ އެވެ. ލިބުނު ދެ ޕޮއިންޓާއެކު އެންމެ ފުލުގައި އޮތީ ޝާޚްތަރު ޑޮނެސްކް އެވެ.

ގްރޫޕް އެޗްގައި ވިކްޓޯރިއާ ޕުލްޒެން އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. ލިއޮނެލް މެސީގެ ހެޓްރިކެއް ފިނިގެންދިޔަ މިމެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މެސީ ލީޑު ނަގައިދިނެވެ. މެސީގެ ދެވަނަ ލަނޑު ފެނުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގައެވެ. ބާސެލޯނާ ގެ ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސެސް ފެބްރިގާސް އެވެ. ފަހު ހާފުގެ އިތުރު ވަގުތުގައި މެސީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިގްރޫޕުގެ އަނެއް މެޗުގައި ބާޓޭ ބޮރިސޯވް ވަނީ އޭސީ މިލާން ހިފަހައްޓާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އޭސީ މިލާނަށް ޒްލަޓަން އިބްރަހިމޮވިޗް ލީޑު ހޯދައިދީފައި ވަނިކޮށް، 55 ވަނަ މިނެޓުގައި ބޮރިސޯވް އަށް ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަ ކޮށްދިނީ ރެނަން ބްރެސަން އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ދިހަ ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. އަށް ޕޮއިންޓާއެކު ދެވަނާގައި އޭސީ މިލާން އޮތްއިރު، ދެޕޮއިންޓާއެކު ތިންވަނާގައި އޮތީ ބޮރިސޯވް އެވެ. ލިބުނު އެންމެ ޕޮއިންޓަކާއެކު ޕުލްޒެން އޮތީ އެންމެ ފުލުގައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުރިއަށް ދާނެއެވެ. މިރޭ ކުރިއަށް ދާނީ ގްރޫޕް އޭ، ގްރޫޕް ބީ، ގްރޫޕް ސީ އަދި ގްރޫޕް ޑީގެ މެޗުތަކެވެ.