06 Aug 2019, 13:46
ޓެކްސީ ތަކުން ނަގާ އަގަށް ގެނައި ބަދަލަށް މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާއިރު، އެ އަގުތަކާމެދު ހިތްހަމަ ނުޖެހި އިހުތިޖާޖު ކުރަން ނިންމާފައިނުވާކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނެފި އެވެ.
މާދަމާ ޑްރައިވަރުން އިހުތިޖާޖު ކުރާނެކަމަށް ބުނެ ވާހަކަ ދެކެވޭތީ، "ސަން" އިން ސުވާލުކުރުމުން ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޑްރައިވަރުން އިހުތިޖާޖަކަށް ދާން ނިންމާފައި ނުވާ ކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.
ޓެކްސީ އަގުތަކަށް އަމަލުކުރުން ފަސްކުރުމަށް އެދި ޑްރައިވަރުންގެ ޖަމްއިއްޔާ އިން މިއަދު ވަނީ ސިވިލްކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.
އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު ހުޅުމާލެ ތެރޭ އަދި މާލެ ތެރޭ ޓެކްސީ ދަތުރު ކުރެވޭނެ އަގަކީ 25 ރުފިޔާ އެވެ. މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިއާ އަށެވެ.
މިހާރު މާލެ އާއި ހުޅުމާލެ އަދި ހުޅުލެ އާ ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ 100 ރުފިޔާ އެވެ.
ޑްރައިވަރުންގެ އަނެއް ކަންބޮޑުވުމަކީ، ދާގީނާ އަރުވާއިރު މިހާރު އިތުރަށް ނަގާ ފަސް ރުފިޔާ ނެގުން އަލަށް އެކުލަވާލި އަގުތަކުގައި ހިމަނާފައި ނުވުމާއި ރޭގަނޑު 12ގެ ފަހުން 30 ރުފިޔާ އަށް ދަތުރުކުރި ކުރުން އުވާލާފައިވާތީ އެވެ.
އިއްޔެ ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ދާގީނާގެ އަގުގެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިކަމަށް އަބްދުﷲ ވިދާޅުވިއެވެ.
"އެބޭފުޅުން ވިދާޅުވަނީ އަގުތައް ކަނޑައަޅާފައިވަނީ މަތިން އެންގެވި ގޮތަށް ކަމަށް. ކެބިނެޓުން ނިންމި ނިންމުމެއް ކަމަށް އެއީ. އެކަމާ ގުޅިގެން ރައީސް އަށްވެސް މިހާރު ދަންނަވާފައި ވާނީ އަގުތަކަށް ބަދަލު ގެނެސްދިނުމަށް،" ޑްރައިވަރުންނަށް ލިބޭ އާމްދަނީ މަދުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަބްދުﷲ ވިދާޅުވިއެވެ.
ޓެކްސީ އަގަށް ބަދަލު ގެނެސް ޓެކްސީ ކުރުމުގެ ކަންތައް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުރުމަށް ވަނީ ނިންމައިފައެވެ. އެޕްލިކޭޝަންތަކަށް ބަދަލުވުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު ތިން އެޕްލިކޭޝަނެއް ރާއްޖޭގައި ޓެކްސީތަކުން ބޭނުން ކުރާނެއެވެ. އެއީ "އަވަސް ރައިޑް" "ޕިކްމީ" އަދި "އެ އައީ" އެވެ.