06 Aug 2019, 13:58
ރިސޯޓް މުވައްޒަފުންނަށް މުސާރަ އާއި އެކު ސާވިސްޗާޖު ދިނުމަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން އެ އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭ ކަމަށް ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެންމެ މަދުވެގެން 10 ޕަސެންޓް ނެގުމަށް ލާޒިމް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ލާފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިހާރު ވަނީ ނިންމައިފަ އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އެ ހުށަހެޅުއްވުމަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، ސާވިސް ޗާޖާއި ގުޅޭ ގޮތުން ގާނުނަށް އިސްލާހެއް ގެންނައިރު އެކަމަށް ވަރަށް ރަނގަޅަށް ބަލަން ޖެހޭނަ ކަމަށެވެ. އަދި އެ އިސްލާހަށް އޭނާ ދެކޮޅު ނޫން ކަން ވެސް ގާސިމް ފާހަގަކުރެއްވި އެވެ.
މުސާރަ އާއި އެކު ސާވިސް ޗާޖަށްވާ ބައި ވެސް ދޭން ޖެހޭނެ ކަމަށް ބައެއް މެންބަރުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ރިސޯޓްތަކުގައި ބައެއް ހިދުމަތްތައް ކްރެޑިޓަށް ދެމުން އަންނަ ކަމަށާއި އެ ފައިސާ ވަގުތުން ނުލިބުމުގެ ސަބަބުން މުސާރައާއި އެކު ސާވިސް ޗާޖު ދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
"އެބޭފުޅުންނަށް އިނގިވަޑައިގަންނަވާބާ ސާވިސް ޗާޖު މިލިބެނީ އެތަނަކަށް ލިބޭ ހުރިހާ އެއްޗަކުން ސާވިސް ޗާޖު ނަގާއިރު އެ ކޮންމެ ޕަސެންޓެއް ވިޔަސް އިންވޮއިސް ހަދައިގެން އެއްމަސް ދުވަސް ފަހުން ދޮޅުމަސް ދުވަސް ފަހުން ބައެއް ފަހަރަ ނުލިބިވެސް އެބަދޭ ބޭންކްރަޕްޓްވަމުން ވެސް އެބަދޭ ތިން ހަތަރު ލައްކަ ޑޮލަރުން އަދި މިލިއަނުން ވެސް،" ގިނަ ރިސޯޓްތަކެއް ހިންގާ ގާސިމް ވިދާޅުވި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ އަކީ ރާއްޖޭގެ އިގްސޯދަށް ބޮޑު އެހީތެރިކަމެއް ވަމުން އަންނަ ބޭންކެއްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، އެ ބޭންކުން ދެމުން އަންނަ ފައިސާގެ އަދަދުވެސް ކުޑަ ކޮށްފައިވާ ކަމަށެވެ.
"މުސާރައާއި އެކު ސާވިސް ޗާޖު ދިނުމަކީ ދަތިކަމަކަށް ވެދާނެތޯ ނުވަތަ ނޫން ތޯ އެ ކިހިނެއްތޯ އެކަން ހިނގަނީ އެކަންކަން އިނގޭނީ އެކަން ކަމާ ބެހޭ ގޮތުން ވާހަކަ ދައްކާލައި މި މަސައްކަތް ކުރާ ފަރާތްތަކާއި ވާހަކަ ދައްކާލީމާ،" ގާސިމް ވިދާޅުވި އެވެ.
ރިސޯޓްތަކުން އައުޓް ސޯސް ކޮށްގެން ހިންގާ އެހެން ވިޔަފާރީތަކުން ސާވިސް ޖާޖު ނަގާނަމަ އެކަން ވެގެން ދާނީ ވަރަށް ދެރަ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިގްތިސޯދަށް އަޅުގަނޑުމެން ލޮޅުމެއް އަންނަ ގޮތައް ކަމެއް ކުރެވޭ އިރު ނުވަތަ އެއަށް ބަދަލެއް އަންނަ ގޮތައް ކަމެއް ކުރެވޭ އިރު އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދިރާސާ ކޮށްލަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ ކުރަން ޖެހޭނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.