02 Nov 2011, 12:21
ރާއްޖޭގެ އިމިގްރޭޝަނާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ދެމެދު އެއްބަސްވެ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ނެކްސްބިޒާ އެކު ވެފައިވާ 39 މިލިއަން ޑޮލަރު (601 މިލިއަން ރުފިޔާ)ގެ މަޝްރޫއު އެގްރިމެންޓާ އެއްގޮތަށް ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފައިވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
އޭސީސީން މިއަދު ހުށަހެޅި އެ މައްސަލައިގެ ތަފްސީލެއް އަދި ނުދެ އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓް ނެކްސްބިޒްއާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، މި އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އޭސީސީން ވަނީ އެ މަސައްކަތް ހުއްޓާލަން އަންގައިފަ އެވެ.
ނަމަވެސް އޭސީސީ އިން އަންގާފައިވާ ގޮތަށް އެ މަސައްކަތް ހުއްޓާލާފައިނުވާތީ އެ ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅާނެ ކަމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު އޭސީސީން ވަނީ ބުނެފަ އެވެ.