06 Aug 2019, 12:07
ކަޝްމީރު (އޮގަސްޓު 6): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ފޯނާއި އިންޓަނެޓުގެ ހިދުމަތް އާދިއްތަ ދުވަހުގެ ރޭ ކަނޑާލި ފަހުން، އަދިވެސް އެހިދުމަތް ނުދޭ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ކަޝްމީރުގައި އެހިދުމަތްތައް ކަނޑާލުމަށް ފަހު އިއްޔެ ވަނީ އެގައުމުގެ ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ ދަރަޖަ އުވާލާފަ އެވެ.
އޭގެ ސަބަބުން ކަޝްމީރުގައި ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ކަޝްމީރުގެ މުވާސަލާތީ ވަސީލަތްތައް ކަނޑާލާފައިވުމުން އެސަރަހައްދުގައި ހިނގާ ކަންތައްތަކެއް ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އަދި އިންޑިއާގެ އެހެން ސަރަހައްދުތަކުގައި ތިބި ކަޝްމީރުގެ ރައްޔިތުން ވަނީ، ކަޝްމީރުގައި ތިބި އެމީހުންގެ އާއިލާގެ މެމްބަރުންނާ ވާހަކަ ދެއްކިފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ނިއު ދިއްލީގައި ކިޔަވަމުންދާ ދަރިވަރަކު ވަނީ ކަޝްމީރުގެ ފުލުސް ސްޓޭޝަނަކަށް ގުޅަން މަސައްކަތް ކުރުމުން އެކަންވެސް ނާކާމިޔާބުވެފައިވާ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ ރައީސް ސޮއި ކުރެއްވި އަމުރަކުން އިއްޔެ އުވާލި މާއްދާ 370ގެ ދަށުން، އެގައުމުގެ އެހެން ސްޓޭޓުތަކާ ހިލާފަށް ކަޝްމީރަށް ވެރިކަމުގެ ހާއްސަ ބާރުތަކެއް ލިބެ އެވެ. އެގޮތުން ކަޝްމީރަށް އަމިއްލަ ގާނޫނު އަސާސީއަކާއި އަމިއްލަ ދިދައަކާއި، ހާރިޖީ ގުޅުންތަކާއި ޑިފެންސްއާއި ކޮމިއުނިކޭޝަންސް ފިޔަވާ އެހެން ކަންތައްތައް ހިންގުމަށް މިނިވަންކަން ދީފައިވެ އެވެ.
އަދި އޭގެ ސަބަބުން ރަށްވެހިކަމާއި ބިން މިލްކު ކުރުމާ ބެހޭ ގޮތުން ކަޝްމީރަށް އަމިއްލަ ގަވާއިދުތައް ހެދޭނެ އެވެ. އެގޮތުން އެމާއްދާގައިވާ ގޮތުން އިންޑިއާގެ އެހެން ސްޓޭޓުތަކުގެ މީހުންނަށް ކަޝްމީރުން ބިން ނުގަނެވޭނެ އެވެ.
ނަމަވެސް މާއްދާ 370 އުވާލުމާއެކު ކަޝްމީރުން އަމަލު ކުރަން ޖެހޭނީ އިންޑިއާގެ މައި ސަރުކާރުގެ ގާނޫނު އަސާސީއަށެވެ. އަދި އިންޑިއާގެ އެހެން ސްޓޭޓުތަކުން އަމަލު ކުރާ ގާނޫނުތަކަށް ކަޝްމީރުގެ ރައްޔިތުންވެސް އަމަލު ކުރަން ޖެހި، ކަޝްމީރުގެ ބިން އެހެން ސްޓޭޓުތަކުގެ ރައްޔިތުންނަށް ގަނެވޭނެ އެވެ.
މީގެ އިތުރުން އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީން ވަނީ ކަޝްމީރު ސަރަހައްދުގައި ދެ ޔޫނިއަން ޓެރިޓަރީއެއް އުފައްދަން ޕާލިމެންޓަށް ބިލެއް ހުށަހަޅާފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރަކީ އެއް ޓެރިޓަރީ، އަދި ލަޑާކްއަކީ ވަކި ޓެރިޓަރީއެއްގެ ގޮތުގައި ހެދުމަށެވެ. އެ ބަދަލާއެކުވެސް ޖައްމޫ އެންޑް ކަޝްމީރުގައި ވަކި ގާނޫނު ހަދާ މަޖިލީހެއް އޮންނާނެއެވެ. ނަމަވެސް ލަޑާކްގައި އެފަދަ މަޖިލީހެއް ނޯންނާނެއެވެ.
އިންޑިއާއިން ވަނީ އެއިއުލާން ކުރުމުގެ ކުރިން ކަޝްމީރަށް އިތުރު އެތައް ހާސް ސިފައިން ފޮނުވައި، ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ އެވެ.