ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނަތްވި މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ފެށިއިރު އެ އަޑުއެހުމަށް އަދީބު ވަޑައިގަތީ ގިނި ކަންޏާއެވެ.

މައްސަލައިގެ އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށް އަދީބު ވިދާޅުވުމުން ސުޕްރީމް ކޯޓުން ވަނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ މައްސަލައިގަ ދައުލަތުގެ ފަރާތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުކޮށް ދިނުމަށެވެ. ބަންދާއި މެދު ގޮތެއް ނިންމުމަށް ވެސް ވަކީލެއްގެ ހާޒިރުގައި ކުރިއަށް ގެންދިއުމަށް އަދީބު ވަނީ އެދިފަ އެވެ.

އެހެން ކަމުން މިއަދުގެ އަޑުއެހުން ނިންމާލީ ބަންދާއި މެދު ވެސް ވަކި ގޮތެއް ނުނިންމަ އެވެ.

ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ އަދީބުގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަމުރުކުރީ، އެ މައްސަލަ އަލުން ބެލުމަށެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލާނެ ތަނެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްފަ އެވެ. އެއާ އެކު، ދައުލަތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.