06 Aug 2019, 11:57
ކުރިއަށް އޮތް ބޮޑު އީދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮގަސްޓް މަހަކީ އާންމުކޮށްވެސް ރާއްޖެއަށް ވިއްސާރަ ކުރާ މަހެއް ކަމަށެވެ.
ބޮޑު އީދު ފެށެނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
މެޓް އޮފީހުން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެދު ރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް އަންނަ އާދިއްތައާއި ހޯމަ ދުވަހު ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ބޮޑު އީދު ދުވަސްވަރު 10-18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް ވިލާ ގަނޑުގައި ވައިގަދަވާނެ ވަރު އަދި ލަފާކުރަން ނޭނގޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
"ވިލާގަނޑުގައި ވައިގަދަވާނެ ވަރު އެނގޭނީ ބޮޑު އީދުގެ އެއްދުވަސް ނުވަތަ ދެ ދުވަސް ވަރު ކުރިން. ފަހަރެއްގައި 40-45 އާ ދެމެދުވެސް ވިލާގަނޑުގައި ވައި ގަދަވެދާނެ،" މެޓް އޮފީހުން ބުންޏެވެ.
މިހާރު ހިނގަމުންދަނީ ހުޅަނގު މޫސުމުގެ އަހުލިހަ ނަކަތެވެ. އަދި އާދީއްތައިން ފެށިގެން ހިނގަމުންދާނީ މާނަކަތެވެ.