ކުޅުދުއްފުށީ ހިއްކި ބިމުން ގަވާއިދާ ޙިލާފަށް ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބިން ވިއްކާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އެދި ކުޅުދުއްފުށީގެ ބަޔަކު އިއްޔެ ވަގުތީ އަމުރަކަށް އެދި އެ ރަށު ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ކޯޓަށް މައްސަލަ ހުށައެޅި ކުޅުދުއްފުށީ ފުޅަފި އިބުރާހިމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށައަޅަން ޖެހުނީ އެ ރަށުން ހިއްކާފައިވާ ބިން ކުޅުދުއްފުށީ ކޯޕަރޭޝަނުން ވިއްކަން އިއުލާންކޮށްފައިވުމާ ގުޅިގެން އެކަން އެގޮތަށް ނުކުރުމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ކަމާ ބެހޭ އިދާރާތަކުގެ އިތުރަށް އެ ކޯޕަރޭޝަނާއި މަޝްވަރާކޮށްގެން ވެސް އެ މައްސަލައަށް ހައްލެއް އައިސްފައި ނުވާތީ ބިން ވިއްކުން ހުއް ޓުވައިދެއްވުމަށް އެދި ކޯޓު އަމުރަކަށް އެދުނީ ކަމަށެވެ.

"ބިން ވިއްކުމުގެ ކަންތައްތައް ކޯޕަރޭޝަން އިން ކުރަމުން ދާތީ ކުޅުދުއްފުށީ ކައުންސިލް އަދި ހދ. އަތޮޅު ކައުންސިލާ އެކު ވެސް މަޝްވަރާ ކޮށްފައިވާނެ، އެހެން ނަމަވެސް ދެ ހަފްތާ ވެގެން ދިޔައިރު ވެސް އެދެ ކައުންސިލުން އެކަށީގެންވާ ޖަވާބެއް ރައްޔިތުންނާ ހަމައަށް ލިބިފައިނުވޭ. ރަށު ކައުންސިލުން ދިން ޖަވާބަކީ އެކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް. އަތޮޅު ކައުންސިލުން ދިން ޖަވާބަކީ ގާނޫނީ ގޮތުން އުފެދިފައިވާ ކުންފުންޏަކުން ކުރަމުންދާ ކަމެއްގެ ތެރެއަށް އަތޮޅު ކައުންސިލަށް ވަނުމުގެ ބާރެއް ނެތް ކަމުގެ ޖަވާބު،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުން ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ކޯޕަރޭޝަނެއް ހަދައިގެން ބިން ވިއްކާތީ ކަމުގައެވެ.
"ބިން ނުވިއްކާ ވިޔަފާރިވެރިންނަށް ބިން ދޫކުރާނަމަ ވެސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް،" ކުޅުދުއްފުށީ އެތައްބަޔަކު ބިން ބޭނުންވެގެން ކައުންސިލް އިދާރާއަށް ގޯތި ހޯދުމަށް ހުށައަޅާފައިވާ އިރު ރަށުން ހިއްކާފައިވާ ސަރަހައްދުން އެ ފަރާތްތަކަށް ގޯތިނުދީ ބިން ވިއްކުން އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމުގައި އެނާ ވިދާޅުވި އެވެ.

ކުޅުދުއްފުށިން ހިއްކާފައިވާ 28.5 ހެކްޓަރުގެ ބިމުގެ ތެރެއިން ޑިވެލޮޕްމަންޓް ޒޯނުން 1000 އަކަފޫޓުގެ 20 ގޯތި ބީލަމުގެ އުޞޫލުން ވިއްކަން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ފޯމް ހުށައެޅުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ibrahim (mp3)