އީދު ބަންދުގެ ތެރެއިން މި މަހުގެ 14ވާ ބުދަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީ އިން ބުނީ މިމަހުގެ 14 ވާ ބުދަ ދުވަހު އެ ބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ދައްޗެއްނެތި ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްއައިބީގެ ހުރިހާ ބްރާންޗަކުންވެސް އެދުވަހު ހިދުމަތް ލިބޭނެ އެވެ.

އެމްއައިބީ އިން މިހާރު ދަނީ އެބޭންކު ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަމުންނެވެ.

އޮގަސްޓް 14 ވަނަ ދުވަހަކީ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އެމްއެމްއޭ އިން ރެގިއުލޭޓް ކުރާ އެހެން ބޭންކުތަކުގެ ހިދުމަތް ދޭނެ ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ޖުލައި 21 ވަނަ ދުވަހުއެވެ.

ބުނީ އޮގަސްޓު 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން އޮގަސްޓު 14 ވަނަ ދުވަހު އެމްއެމްއޭ އާއި އެމްއެމްއޭ އިން ރެގިޔުލެޓު ކުރާ މާލީ އެހެން އިދާރާތައް އާންމުންނަށް ހިދުމަތް ދިޔުމަށް ހުޅުވާފައި ހުންނާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ.

އޮގަސްޓު 15 ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެ އެވެ.

ހައްޖު ދުވަހަކީ އޯގަސްޓް 10 ވާ ހޮނިހިރު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ ޖެހިގެން އަންނަ، އޯގަސްޓް މަހުގެ 11 ވާ އާދީއްތަ ދުވަހެވެ.

ޖެހިގެން އަންނަ ބުރާސްފަތި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ގިނަ ބަޔަކު އީދު ޗުއްޓީގައި ރަށުން ބޭރަށް ދާނެތީ، ލުއިފަސޭހަ ކޮށްދިނުމަށެވެ.