02 Nov 2011, 12:05
އަންނަ ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޤައުމީ ޓީމް މާދަމާ ޖަރުމަނަށް ފުރުމަށް ހަމަޖެފައި އޮތް ދަތުރު އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި އެވެ.
އެފްއޭއެމް އިން ބުނީ، މުބާރާތަށް ތައްޔާރުވުމަށް، މާލޭގައި ދެ ޕްރެކްޓިސް ކުރުމަށް ފަހު ގައުމީ ޓީމު އިތުރު ތަމްރީން ހޯދުމަށް މާދަމާ ޖަރުމަނަށް ކުރަން އޮތް ދަތުރު ފަސް ކޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުރާ ގޮތަށެވެ.
އަނިޔާގައި މިވަގުތު ތިބި ކުޅުންތެރިން ނުލާ ދިވެހި ޓީމްގެ ދެ ވަނަ ފަރިތަކުރުންތައް މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގައުމީ ޓީމު ޖަރުމަނަށް ކުރާ 15 ދުވަހުގެ ތަމްރީން ދަތުރުގައި ބައިވެރި ވަނީ 30 ކުޅުންތެރިންގެ ސްކޮޑުން 22 ކުޅުންތެރިންގެ ސްކޮޑެކެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމެއް ޔޫރަޕަށް ކުރާ ފުރަތަމަ ތަމްރީނު ދަތުރުގައި ކުޅޭ ފުރަތަމަ ހަތަރު މެޗުގައި ވާދަކުރާނީ ޖަރުމަންގެ ހަތަރު ވަނަ ޑިވިޝަނާއި ފަސް ވަނަ ޑިވިޝަނުގެ ކްލަބުތަކާ އެވެ. އަދި ރާއްޖޭގެ ޓީމުގެ ދަތުރުގައި ކުޅޭ ފަހު މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ޖަރުމަން ބުންޑަސްލީގާގެ 11 ވަނައިގައި މި ވަގުތު އޮތް ހާތާ ބާލިންގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ. ހާތާ ބާލިންގެ ސީނިއާ ޓީމު ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.
ޖަރުމަން ޓުއާއަކީ އަވަށްޓެރި ސްރީ ލަންކާގައި ހަރަކާތްތެރިވާ ޖަރުމަނުގެ އެންޖީއޯއެއް ކަމަށްވާ އޭޖީއެސްއީޕީ އާ އެކު މި އަހަރުގެ ކުރީކޮޅު އެފްއޭއެމް އިން ވީ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފައިވާ ދަތުރެއް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުކުރުމަށް އެކުލަވާލައިފައިވާ ޕްލޭންގެ ދަށުން ޖަރުމަން ޓުއާ އަށް ފަހު މި މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު ސްލޮވާކިއާގެ ޑުބްނިސާއާ އެކު މާލޭގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް އެފްއޭއެމް އިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު މެލޭޝިއާ ނުވަތަ ތައިލޭންޑަށް ދަތުރުކޮށް،27 ވަނަ ދުވަހު މާލޭގައި އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.