ތެހެރާން (އޮގަސްޓް 5) : ގަލްފުގައި އީރާނާ ދެކޮޅަށް ހަރަކާތްތެރިވުމަށްޓަކައި އަސްކަރީ ބާރެއް އެކުލަވާލުމަށް އެމެރިކާ ނުކުޅެދިފައިޥާ ކަމަށާ ދުނިޔޭގައި އެމެރިކާ އެކަނިވެ އެކަހެރިވަމުން ދާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.

ތެހެރާންގައި ދެއްވި ބަޔާނެއްގައި ޒަރީފް ވިދާޅުވީ އީރާނަށް ބިރުދައްކައި އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނާ ޖައްސާލައިގެން އުޅޭން ބޭނުންވާ ގައުމަކީ އެމެރިކާ ކަމަށާ އީރާނާދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެ އެކަނިވެރިވެފައިވާ ކަމުގައެވެ.

އަދި އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ގައުމުތައް ބައިވެރިނުވާތީ އެކަމުގައި ބައިވެރިވުމަށް އެމެރިކާ ޖެހެނީ ގައުމުތަކަށް ބިރުދައްކަން ކަމަށާ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުންދޭން ބޭނުންނުޥާ ގައުމުތަކާ ދެކޮޅަށް އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންގެންދާކަން ޒަރީފް ފާހަގަ ކުރެއްވިއެވެ.

ގަލްފުގައި ހަރަކާތްތެރިވުމަށްޓަކައި އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާ އަސްކަރީ ބާރުގައި ބައިވެރި ވުމަށް ޖަރުމަނުން ފާޅުގައި ދެކޮޅު ހަދާފައިވާއިރު އިނގިރޭސިވިލާތް ފިޔަވައި އެކަމުގައި އެމެރިކާއަށް އެއްބާރުލުން ދޭން ބޭނުންވާ ގައުމެއްނެތްކަން ވަނީ ހާމަވެފައެވެ. ޖަރުމަނު ސަރުކާރުގެ ތަރްޖަމާނަކު މިއަދު ވިދާޅުވީ ގަލްފަށް ފޮނުވުމަށް އެމެރިކާ އެކުލަވާލާ އަސްކަރީ ބާރުގައި ބައިވެރި ނުވުމަށް ޖަރުމަނު ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ހުރިހާ ބައިވެރިންވެސް އެއްބަސްވާ ކަމަށާ މިކަމުގައި މުޅި ޖަރުމަނު އޮތީ އެއްވިސްނުމެއް ގައި ކަމުގައެވެ.

އެމެރިކާގެ ބައިވެރިން ކަމަށްވާ ޖަޕާނާއި ފަރަންސޭސިވިލާތުންވެސް އެކަމަށް ފަސްޖެހެމުންދާތީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ގަލްފަށް ފޮނުވަން މަސައްކަތްކުރާ އަސްކަރީ ބާރު އެކުލަވާލުމުގައި އެމެރިކާއަށް ދަތިތަކެއް ހުރިކަމަށް އެންމެފަހުން އެއްބަސްވެވަޑައިގެންފައެވެ.

އީރާނާ މުއާމަލާތް ކުރުމުގައި ޔޫރަޕާއި އެނޫންގައުމުތަކުން ޑިޕްލޮމަސީ ގެ ސްޓްރެޓެޖީ ބޭނުންކުރާއިރު އެމެރިކާ ބޭނުންކުރަނީ ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުންފަދަ އެކްސްޓްރީމް ޕްރެޝަރު ގެ ހަރުކަށި ސްޓްރެޓެޖީ އެވެ. ޑިޕްލޮމަސީ ބޭނުންކޮށްގެން ޔޫރަޕުންވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއް 2015 ވަނަ އަހަރު ވުޖޫދަށް ގެނަސްފައިވާއިރު އީރާނަށް ބިރު ދައްކައިގެންނާއި ފިއްތުންތައް ކުރުމަތިކޮށްގެން ޓްރަމްޕް ކުރަންއުޅޭ އެއްވެސް ކަމެއް އަދި ކާމިޔާބު ވެފައެއް ނުވެ އެވެ.

އީޜާނުންވަނީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތްކުރާނީ އިރާނާއި ގަލްފުގެ ގައުމުތައް ގުޅިގެންކަމަށްބުނެ މިކަމުގައި ސަރަހައްދުން ބޭރުގެ ފަރާތްތަކާ ބައިވެރިވުމުގެ ބަދަލުގައި އީޜާނާ ބައިވެރިވުމަށް ޔުއޭއީ އަށާއި ސައޫދީއަށް ގޮވާލާފައެވެ. ޔޫއޭއީ އަކީ އީރާނާ ދުޝްމަން ގެންގުޅޭ ގައުމެއް ނަމަވެސް މިފަހަކަށް އައިސް ޔޫއޭއީ ވަނީ އެގައުމުގެ ސިޔާސަތަށް ބަދަލުތަކެއް ގެންނަން ފަށާފައެވެ. މީގެތެރޭގައި ޔަމަން ހަނގުރާމައިން ފޭބުމަށް އުސޫލެއްގެ ގޮތުން ނިންމުމާއި އީޜާނާ ސީދާ ގޮތެއްގައި ވާހަކަ ދައްކަން ފެށުމާއި އީރާނާދެކޮޅަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލުން ހިމެނެއެވެ.

އަދި މިދިޔަ ހަފްތާގައި ޔޫއޭއީގެ އަސްކަރީ ވަފްދެއްވެސްވަނީ އީރާނަށްގޮސް ދެގައުމުގެ ކަނޑުގެ ސަރަހައްދީ ރޮނގުގެ އަމަނާބެހޭގޮތުން އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޔޫއޭއީ މިކަންކުރީ ސައޫދީ އާ ވިލަރެސް ކޮށްގެން ކަމަށް އެގައުމުން ބުނެފައިވެއެވެ. މިއާއެކު ސައޫދީ ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު ވަނީ މައްކާއަށް ވަޑައިގެން އުޅުއްވާ އީރާނުގެ ހައްޖުގެ ކަންތައްތަކާބެހޭ އިސްވެރިޔާ އާ ވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި ސައޫދީން މިދިޔަ ހަފްތާގައި ވަނީ އެގައުމުގެ ބަނދަރެއްގައި މަރާމާތުކުރަމުންދިޔަ އީރާނުގެ ތެޔޮޓޭންކަރުގެ މަރާމާތު ގެ ޚަރަދު މައާފްކޮށް އެ ޓޭންކަރުގެ ފަޅުވެރިން ސައޫދީ ގެ ޚަރަދުގައި އީރާނަށް ފޮނުވައިދީފައެވެ.

އަޟްހާ އީދަށްފަހު ސައޫދީ މަތީފެންވަރުގެ ވަފްދެއް އީރާނަށް ޒިޔާރަތް ކުރައްވާނެ ކަމުގެ ޚަބަރުތަކެއްވެސްވަނީ ފެތުރިފައެވެ. އީޜާނުން އިއްޔެވަނީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތްކުރާނީ އިރާނާއި ގަލްފުގެ އަރަބި ގައުމުތައް ގުޅިގެންކަމަށްބުނެ މިކަމުގައި ސަރަހައްދުން ބޭރުގެ ފަރާތްތަކާ ބައިވެރިވުމުގެ ބަދަލުގައި އީޜާނާ ބައިވެރިވުމަށް ޔުއޭއީ އަށާއި ސައޫދީއަށް ގޮވާލާފައެވެ.

އެމެރިކާއާއި އިސްރާއީލަކީ ދުޝްމަނުން ކަމަށްވިޔަސް ސައޫދީ އާއި ޔޫއޭއީ އަކީ ދުޝްމަނުން ނޫންކަމަށާ އެއީ ޚިޔާލު ތަފާތުވެފައިވާ އަވަށްޓެރިން ކަމަށާ އެދެގައުމާ އެމެރިކާ އާ އެއްވަރު ނުކުރެވޭނެ ކަމަށް އީރާން ސަރުކާރުގެ ތަރްޖަމާނަކުވަނީ ވިދާޅުވެފައެވެ. ސައޫދީ އާއި ޔޫއޭއީ ކުރިން އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ރޫހުގައި ހަރުކަށި ކޮށް އުޅުނު ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން އީރާނާ ހަނގުރާމަ ކުރަން އެމެރިކާ ފަސްޖެހޭކަން އެގުމާއި އެމެރިކާ އުޅެނީ ސައޫދީ އާއި ޔޫއޭއީ ފައިސާގެ ގޮތުން "ފެލާލަންކަން" އެދެގައުމަށް ކަށަވަރު ވުމަކީ އެދެގައުމުގެ ސިޔާސަތަށް މިއަންނަމުންދާ ބަދަލުގެ އަސްލު ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާ އިން ޒަރީފާ ދެކޮޅަށް ދާދިފަހުންވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތައް އެޅީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރަން ޓްރަމްޕްގެ ފަރާތުން ލިބުނު ދައުވަތު ގަބޫލް ނުކުރުމުން އޭގެ އަދަބެއްގެ ގޮތުންކަންވެސް ޒަރީފްވަނީ ހާމަކުރައްޥާފައެވެ.

ޓްރަމްޕްގެ ދައުވަތު ގަބޫލުނުކޮށްފިނަމަ ދެހަފުތާ ތެރޭ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން އެމެރިކާ އެންގި ކަމަށާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އެޅީ ޓްރަމްޕާ ބައްދަލުކުރުމަށް ދެކޮޅު ހެދިތާ ދެހަފްތާ ފަހުން ކަމަށް ޒަރީފް ވިދާޅުވިއެވެ. އީރާނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކުރިން އެމެރިކާ ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ. (ނޫސްއެޖެންސީތައް)