05 Aug 2019, 21:51
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ބިރުދެއްކި ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އެ ކުއްލި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ.
މައްސަލަ ހުށަހަޅުއްވަމުން މުހައްމަދު ސައީދު ވިދާޅުވީ ލުތުފީއަށް އިމްރާން ބިރުދައްކައި އިންޒާރުދީ ފްރޭމް ކޮށްފައިވާ ކަމަށް ލުތުފީ މީޑިއާތަކުގައި ބުނެފައިވާ ކަމަށެވެ. އަދި މިހާތަނަށްވެސް އެކަން އިމްރާން "މުތުލަގަށް" ދޮގު ކުރައްވާފައި ނުވާ ކަމަށް އެ މައްސަލާގައިވެއެވެ.
އަދި ބިރުދައްކައި އިންޒާރު ދިނުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުއްވެރިވާނެ ކަމެއް ކަމަށާއި އަދި އިމްރާން އެ ހިންގި އަމަލުގެ ސަބަބުން ލުތުފީއަށް އޭސީސީގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް މަޖުބޫރުވީ ކަމުގައި ބެލެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިކަމަކީ ސިޔާސީ ވާދަވެރިން ނައްތާލަން ރާވައިގެން ހިނގާ ބޮޑު ޖަރީމާއެއް ކަމަށް ފެންނަ ހިނދު. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މި އަމަލުތަކަކީ ޝަރީއަތްތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމާއި އިންސާފުވެރިކަން ހޯދައިދިނުމަށް ވަކާލާތުކޮށް އައި ސަރުކާރެއްގެ ހޯމް މިނިސްޓަރު ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމަން ހިނގާފައިވާ ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ދެކޭތީ." ކުއްލި މައްސަލަ ހުށަހެޅުއްވި ސަބަބު ބަޔާން ކުރައްވަމުން މެމްބަރު ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މީގެކުރިންވެސް އިމްރާނަކީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރުތައް ވައްޓާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ. އެހެންވީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިތުބާރު ގެއްލޭނެތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައި ގަތީ އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް ޖަލްސާގައި ތިބި ހުރިހާ މެމްބަރުން ވޯޓު ދީގެންނެވެ. މައްސަލަ ބަލައިގަތުމުން ސައީދު ޝުކުރު އަދާ ކުރެއްވި އެވެ.
ސައީދުގެ ޝުކުރަށް މަޖިލީހުގެ ރައީސް ޖަވާބު ދެއްވީ ޔޫރަޕުގެ ހަރު ބަހަކުންނެވެ. ވިދާޅުވީ "ގްރީކް މީހުން ދޭ ހަދިޔާއެއްގައި ހިފާއިރު ވިސްނަންޗޭ" ޔޫރަޕު މީހުން ބުނެ އުޅޭ ކަމަށެވެ.
އިމްރާން ބިރުދެއްކި ކަމަށް ވިދާޅުވެ ލުތުފީ ދިން އިންޓަވިއުގައި ވިދާޅުވެފައި ވަނީ އޭނާ އޮފީހަށް ނުނިކުމެ، ރާއްޖެ ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވީ ތަފާތު އެކި ގޮތްގޮތުން އޭނާ އަށް ކުރިމަތިވި ބިރުދެއްކުންތަކާ އިންޒާރުތަކާ ގުޅިގެން ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީވެސް މަޖުބޫރުވެގެން ކަމަށް ލުތުފީ ވިދާޅުވި އެވެ.
"ފްރޭމްކޮށްގެން ވެސް ހައްޔަރު ކުރެވިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަޅުގަނޑާ ދިމާލަށް ބުނި. ބޭނުންވެއްޖެ ނަމަ ފްރޭމްކޮށްގެން ވެސް ކަލޭ ހައްޔަރު ކުރެވޭނެ ކަމަށް ބުނި. ހަމަ ސީދާ އެގޮތަށް [އިމްރާން] އަޅުގަނޑާ ވާހަކަ ދެއްކެވީ،" ލުތުފީ ވިދާޅުވި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލުތުފީ ކުރެއްވި ތުހުމަތުތައް ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް "ބަޔަކު ގަބޫލު ކުރުމުން އަންތަރީސް ވެއްޖެ ކަމަށެވެ.