ގ. މާޖެހިގޭގެ ފަސް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއް ތެރޭގައި ރޯވި އަލިފާންގަނޑެއް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ނިއްވާލައިފި އެވެ.

އެ ގެއަށް ފަޔާ އެންޑް ރެސްކިއުއިން ގޮސްފައި ވަނީ އެ ގެއިން ދުން އަރާ ކަމުގެ މައުލޫމާތު ލިބިގެންނެވެ.

އެކަމުގެ ރިޕޯޓު ފަޔާ އެންޑް ރެސްކިއުއަށް ލިބުނީ މިރޭ 20:47ގައެވެ. 21:01ގައި ސިފައިން ވަނީ އެތަނަށް ގޮސް އަލިފާންގަނޑު ނިއްވާލައިފައެވެ.

އެމްއެންޑީއެފްއިން ބުނީ މިރޭ ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ ކޮޓަރީގެ ތެރޭގައި ހުރި ގޮދަޑިއެއްގައި ކަމަށެވެ. އެކަމަކު ގޮދަޑީގައި ރޯވީ ކިހިނެއް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

އިއްޔެވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ހާދިސާ ހިނގީ ހ. ޓެންސްޓާގައެވެ. އެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި އުޅޭ 16 މީހަކު ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ.