އީދު ބަންދުގެ ތެރެއިން މި މަހުގެ 14ވާ ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް ހުޅުވާފައި ހުންނާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އީދު ބަންދުގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހު އެ ބޭންކުގެ ހުރިހާ ބްރާންޗެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ދިގު އީދު ޗުއްޓީގައި ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 46 ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް އީދު ބަންދުގައި ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި ފައިސާނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. ބޭންކުގެ އޭޓީއެމް ނެޓްވޯކާއި އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތްވެސް އީދު ބަންދު ތެރޭގައި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.