ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ވޭނެއްގެ ދަށުވެ މީހެއްގެ އަނގަމަތި ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު 13:30 އެހާކަންހާއިރު އެ ހާދިސާ ހިނގީ، ހުޅުމާލޭ ރީތިގަސް މަގުގައި ހުރި ޕެޓްރޯލް ޝެޑަކަށް ސިގްނަލް ދީފައި ވޭނު ވަންނަން އުޅެނިކޮށް، ޕެޓްރޯލު ޝެޑާއި ވޭނާއި ދޭތެރެއަށް ސައިކަލެއް ވަދެ އެ ދޭތެރެއިން ދާން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ވަނީ ވޭނުގެ ދަށަށް ގޮސްފައެވެ. އަދި ސައިލު ދުއްވަން އިން މީހާގެ އަނގަމަތި ފަޅައިގެންގޮސް އޭނާގެ އަނގައިން އެއް ދަތް ވަނީ ވެއްޓިފައެވެ.

ސައިކަލު ދުއްވަން އިނީ އުމުރުން 20 އަހަރުގެ ލައިސެންސް އޮންނަ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލާއި ވޭނަށް އެކިވަރުގެ ގެއްލުންވެފައިވެ އެވެ. އަދި އަނިޔާވި މީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.