05 Aug 2019, 19:33
ދެ ރަށެއްގައި ހޯލަކާއި، އެއް ރަށުގައި ކްލާސްރޫމެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އެގޮތުން ސޮއިކުރި އެއް އެއްބަސްވުމަކީ ހދ. ނެއްލައިދޫ ސްކޫލްގައި ދެ ކްލާސްރޫމްއެއް އެޅުމަށް ސޮއިކުރި އެއްބަސްވުމެކެވެ.
އެ ކްލާސްރޫމްތައް އެޅުމަށް ހަވާލުކޮށްފައިވަނީ އިންޓަލޮކް ކޮންސްޓްރަކްޝަންއާއެވެ. އެ އެއްބަސްވުމުގައި އިންޓަލޮކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ނަވާޒް ޝަރީފްއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.
އެ މަސައްކަތް އިންޓަލޮކްއާ ހަވާލުކޮށްފައިވަނީ 2.02 މިލިއަން ރުފިޔާއަށެވެ. މިއީ 125 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓެކެވެެ.
އޭގެ އިތުރުން އއ. ތޮއްޑޫއާއި ރ. ހުޅުދުއްފާރު ސްކޫލުގައި ދެ ފަންގިފިލާގެ މަލްޓި ޕާޕަސް ހޯލްއެއް އެޅުމަށް މިއަދު ވަނީ ވީއަވާ އިންވެސްޓްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ވީއަވާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ފާތުމަތު ލައިސާ ލަތީފްއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.
ޖުމްލަ 14.9 މިލިއަން ރުފިޔާއަށް ދެ ރަށުގައި މަލްޓި ޕާޕޯސް ހޯލްއެއް އެޅުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.