05 Aug 2019, 17:53
ސުޕްރީމް ކޯޓުން ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިލަން މަސައްކަތް ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު 15 ދުވަހަށް ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަދީބު އިންޑިއާގެ ޓުޓިކޮރިން އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދީބު މާލެ ގެނެސް ބަންދާމެދު ގޮތެއް ނިންމަށް، ރޭ ދަންވަރު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ދިވެހި ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ މިނިވަން ކުރުމަށް ގާޒީ އަލީ ރަޝީދު ނިންމެވިއެވެ. ނަމަވެސް ފަހުން އަނެއްކާވެސް ކޯޓު އަމުރަކާއެކު މިއަދު ހެނދުނު 6:30 އެހާކަށްހާއިރު އަދީބު ހައްޔަރު ކުރިއެވެ.
އެ ހައްޔަރަށްފަހު މިއަދު ހަވީރު އަނެއްކާވެސް އަދީބު ބަންދުކުރުމަށް މިއަދު ހަވީރު 4:30 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ.
ބަންދުގެ މަޖިލީހުގެ ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން އިންވެސްޓީގޭޓިވް އޮފިސަރު ވިދާޅުވީ، އަދީބުގެ ހައްޔަރު ކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކަމަށެވެ.
އަދީބު އިތުރަށް ޖަލު ބަންދެެއްގައި ބެހެއްޓުމަށް ބޭނުންވާ ސަބަބު ހާމަ ކުރައްވައި، އައިއޯ ވިދާޅުވީ، "އިންތިޒާމް ވެގެން ހިންގާފައިވާ ބޮޑެތި ކުށްތަކުގެ ތުހުމަތު" އަދީބަށް ކުރެވި، އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ތަހުގީގު ހިންގަމުންދާތީއާއި މުޖްތަމައުގެ ސުލްހައަށާއި އަދީބާގެ ރައްކަލަކަށްޓަކައި އޭނާ ބަންދު ކުރަން ޖެހޭ،" ކަމަށެވެ. އޭގެ އިތުރުން، ހެއްކަށް ނުފޫޒު ފޯރުވައި ނުވަތަ ހެކި ނައްތާލާނެ ކަމަށް ބެލެވުމަކީވެސް އަދީބު ބަންދު ކުރަން ޖަހަން ޖެހޭ ސަބަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އަދީބު ފިލަން މަސައްކަތް ކޮށްފައިވާތީ އޭނާ އަނެއްކާވެސް ފިލުމުގެ އިހްތިމާލު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
އަދީބުގެ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ، އަދީބު ބަންދުކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ބަންދު ކުރަން ޖެހޭ ނަމަ ބަންދު ކުރަން ޖެހޭނީ ގޭ ބަންދެއްގައި ކަމަށް މަހްފޫޒު ވިދާޅުވިއެވެ. މަހްފޫޒު ވިދާޅުވީ، އަދީބުގެ ބަންދާމެދު ގޮތެއް ނިންމަވާއިރު، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ހައި ކޯޓުން އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމި ވަގުތީ އަމުރާއި އެ އަމުރަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަމުރުތަކުގައި ނެރުނު ހާލަތު އަދިވެސް ބަދަލު ނުވާ ކަމަށް މަހްފޫޒު ވިދާޅުވިއެވެ.
"އަދީބު ފިލާފާނެ ކަމުގެ އިހުތިމާލެއް އޮތް ކަމަށް ގަބޫލު ކުރަން. ނަމަވެސް ބަންދާ މެދު ގާޒީ ގޮތެއް ކަނޑައަޅުއްވާއިރު ހައިކޯޓާއި ސުޕްރީމް ކޯޓުގެ ދެ ގައްޒިޔާއަށް ރިޢާޔަަތް ކުރައްވަން ޖެހޭ. އެހެން ކަމުން ބަންދެއް ކުރާނަމަ އަދީބު ގޭ ބަންދަށް ބަދަލު ކުރައްވަން އެދެން،" މަހްފޫޒު ވިދާޅުވިއެވެ.
ދެ ގަޒައްޔާއާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ދެކެނީ ކީކެތޯ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ސުވާލު ކުރުމުން، ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވީ، އެ އަމުރަކީ ވަގުތީ އަމުރެއް ކަމަށާއި އެ އަމުރު ނެރެފައިވަނީ ވަކި ހާލަތަކަށް ކަމަށެެވެ. އެހާލަތު މިހާރު ބަދަލު ވެފައިވާ ކަމަށް ޝަހުމާ ވިދާޅުވިއެވެ.
"އެ އަމުރަ ނެރެފައިވަނީ، އަދީބުގެ އޭރުގެ ސިއްހީ ހާލަތައް ބަލާފައި. މިހާރު އެ ހާލަތު ބަދަލުވެއްޖެ. އެ އަމުރު ނެރެނު ފަހުން އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވެސް ގޮއްސި. ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިލަން ވެސް މަސައްކަތް ކޮށްފި،" ދައުލަތުގެ ވަކީލާ ޝަހުމާ ވިދާވިއެވެ.
ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އެނާ ފިލަން މަސައްކަތް ކުރީ، އޭނާ ދައުލަތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބާރު ގަދަ ފާރާތްތަކުގެ މައުލޫމަތު ހާމަ ކުރުމުން އޭނާއަށް އައި އިންޒާރުތަކުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ނަމަވެސް ދެން އޭނާ އެފަދަ އަމަލެއް ތަކުރާރު ނުކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ. އަދި އޭނާ ބޭނުން ވަނީ އަދިވެސް އެއްބަސްވުމާ އެއްގޮތައް އަމަލު ކުރަން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އަދީބު ބަންދާމެދު ގޮތެއް ކަނޑައަޅުއްވަމުން ގަޒީ އަލީ ރަޝީދު ވިދާޅުވީ، އަދީބަށް ކުރެވޭ ތުހުމަތުތަކަށް ފުލުހުންގެ އަތުގައި ހެކި ހުރި ކަމަށް ދެ ފަރާތުގެ ވާހަކައިންވެސް އެނގޭ ކަމަށެވެ. އަދި ދިފާއީ ވަކީލު ފާހަގަ ކުރެއްވި ދެ ގަޒިއްޔާ އަކީ ވަގުތީ އަމުރަކަށް ވެފައި އެ އަމުރަށް ތަބާ ވާން ޖެހޭ ހާލަތު މިހާރު ނިމިއްޖެ ކަމަށް ވިދާޅުވި އެވެ. އެ ވަގުތު ފާއިތު ވުމުން ފަށަން ޖެހޭނީ އާ ފެށުމަކުން ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިލަން މައްސަކަތް ކުރި ކަމަަށް އަދީބު އިއުތިރާފުވެ، އަދި ޖިނާއީ އިޖުރާތުގެ ގާނޫނުގައި ދަށުން ދެން ވެސް ފިލާފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ގަބޫލު ކުރައްވާކަން ދިފާއީ ވަކީލުވެސް ފާހަގަ ކުރައްވާފައިވާތީވެ، އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 166 ވަނަ މާއްދާގެ ދަށުން ކުއްވެރިޔަކު ބަންދުކުރަން ޖެހޭ ހަތަރު ހާލަތުން ކުރެ ހާލަތެއް ކަން ގާޒީ ފާހަގަކުރެއްވި އެވެ.
އެހެން ކަމުން އެހުރިހާ ކަމަކަށް ބަލައި އަދިބު ބަންދަށް 15 ދުވަސް ޖެހުމަށް ގަޒީ އަލީ ރަޝީދު ނިންމެވިއެވެ.
ބަންދުގެ އަޑުއެހުމަށް އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާއާއި އޭނާގެ ގާތް މީހުންވެސް ހާޒިރުވިއެވެ. މިއަދުގެ އަޑުއެހުމުގައިވެސް އަދިބުގެ މޫނުމަތިން އެއްވެސް ކަަހަލަ ހާސް ކަމެއް ފެންނާކަށް ނެތެވެ. ހުންނެވީ ހިނިތުންވުމާއެކުއެވެ.
އެކި އެކި ކުށްތަކުގައި އަދީބުގެ މައްޗަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް ކުރި އެވެ. ނަމަވެސް ފަހުން ކޯޓުތަކުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.
މިހާރު ކޯޓުގައި އޮތީ އަދީބާ ގުޅޭ އެންމެ މައްސަލައެކެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެ އެވެ. އިސްތިއުނާފީ މައްސަލާގައި ގޮތެއް ކަނޑައަޅަން ދެން ޖޫން، 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.
އެ މައްސަލައިގެ އަަޑުއެހުމަށް މާދަމާ ހެނދުނު 10:30 އަށް ވަނީ ތާވަލުކޮށްފައެވެ.