ގާހިރާ (އޮގްސްޓް 5) : މިސްރުގެ ވެރިރަށް ގާހިރާގައި ބާރުގަދަ އެއް ގޮވުމުގެ ސަބަބުން 19 މީހުން މަރުވެ 32 މީހުން ޒަޚަމްވެއްޖެ އެވެ.

މިސްރުގެ ސިއްހަތާބެހޭ ވަޒީރާ ޑރ. ހާލާ ޒާއިދު ވިދާޅުވީ 19 މީހުން މަރުވެފައިވާ އިރު ޒަޚަމްވި މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބި މީހުންނާއި މެދުމިނަކަށް ޒަޚަމްވެފައިވާ މީހުންނާ އަދި ކުޑަކޮށް ޒަޚަމްވެފައިވާ މީހުން ހިމެނޭކަމަށާ ގިނަ މީހުންނަށް ލިބިފައި ވަނީ ހަށިގަނޑު ފިހުމާއި ކަށިތައް ބިންދައިގެން ދިޔުންފަދަ ގެއްލުންތައް ކަމުގަ އެވެ.

މިސްރުގެ ދާޚިލީ ވުޒާރާ ބުނާގޮތުން ގާހިރާގެ މެދުގައި ހުންނަ "އޮންކޮލޮޖީ އިންސްޓިޓިއުޓް"ގެ ކައިރީގައި އެއްޗެއް ގޮވާފައި ވަނީ ނީލަކޯރުގެ ކޯނިޝްގެ ކައިރީގައިވާ މަގުގެ ނުބައި ފަޅިން ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް އަނެއް ކޮޅުން ދުއްވާފައި އައި ތިން ކާރުގައި ޖެހިގެން ކަމުގަ އެވެ. މި ޙާދިސާއާއެކު ހިނގި ބާރުގަދަ ގޮވުމަކާއެކު ބޮޑު އަލިފާންގަނޑެއް ރޯވިކަމަށް މަންޒަރު ދުށްމީހުން ބުނެ އެވެ.

މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ހާދިސާގެ ތަހުގީގެއް ފަށާފައިވާ އިރު، މިއީ ރާވައިގެން ދިން ހަމަލާއެކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައި ނުވެ އެވެ. މި ހާދިސާ އާ ގުޅޫ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕްރައުވެޓް ކާރު ޖެހި ގޮވި ބާރުގަދަ ގޮވުމާ އަލިފާން ހިފުމާއެކު އޮންކޮލޮޖީ އިންސްޓިޓިއުޓްގެ ބައެއްވެސް ވަނީ ހަލާކުވެފަ އެވެ. އަދި އެ އިންސްޓިޓިއުޓްގެ ކުރިމަތީގައި ޕާކްކޮށްފައި ހުރި ގިނަ ކާރުތަކެއްގައި ރޯވެ އަނދާފައިވާއިރު އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒަފުންނާއި ބަލި މީހުން މިހާރުވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.