05 Aug 2019, 15:10
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓު ހުކުމް ތަކުން ސަލާމަތްވެ މިނިވަންވީ ފަހުން ބަންދު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަ ޖެނެރަލް، ޕީޖީ އެދިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ޕީޖީ ބިޝާމް މީގެ ކުރިން ވިދާޅުވެފައިވަނީ އަދީބު ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދުނީ އެކޯޓުގައި ޕީޖީއިން އިލްތިމާސްކުރި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.
އެކަން ދޮގުކޮށް މިއަދު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށާއި ބަންދުގެ އަމުރަކަށް ޕީޖީއިން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށެވެ.
"ޕީޖީއިން އެދިފައިވާ ފަދައިން އަދީބުގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރު ކުރެވެން ނެތަތީ އާއި، އަދީބުގެ ބަންދާމެދު އޭނާގެ ޣައިރު ހާޒިރުގައި ގޮތެއް ކަނޑައެޅުމަކީ އުސޫލެއްގެ ގޮތުން ޝަރުއީ އަދި ގާނޫނީ އިޖުރާއަތާއި އެއްގޮތް ކަމަކަށް ނުވާތީ" އަދީބުގެ ބަންދާ މެދު ގޮތް ނުނިމުނު ސަބަބު ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެވަގުތު އަދީބު ހުރީ ބަންދެއްގައި ކަމުން އެހާލަތުގައި މީހަކު ބަންދު ކުރުމުގެ އަމުރެއް ނެރުމަކީ އެއްވެސް ބޭނުން ހުރި ކަމަކަށް ނުވާތީ ޕީޖީ އެދުނު ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެދީފައިވާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އަދީބު މިނިވަން ވީ ފަހުން މިނިވަންވީ ކަމެއް ޕީޖީއިން ސުޕްރީމް ކޯޓަށް އަންގާފައި ނުވާ ކަމަށާއި އަދި އޭގެ ފަހުން ބަންދުކޮށްދޭންވެސް ނޭދޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
އަދީބު މިނިވަންވެފައި ހުއްޓައި ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް އޭނާ ވަނީ ހައްޔަރުކޮށްގެން ގެނެސްފަ އެވެ. އަދި ރޭ ފުލުހުން ވަނީ އަދީބު ހައްޔަރުކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަ މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.