05 Aug 2019, 15:14
ޓެކްސީ ސެންޓަރުތަކުންނާއި ޓެކްސީ ޑްރައިވަރުން ޑިމާންޑު ކުރިނަމަވެސް، މިނިސްޓްރީ އިން އަލަށް އެކުލަވާލި އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ޝިމާޒް އަލީ މިއަދު "ސަން"އަށް ވިދާޅުވީ އަލަށް އެކުލަވާލި އަގުތަކާމެދު ޑްރައިވަރުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށް ޓްރާސްޕޯޓުން ބުންޏެވެ.
އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު ހުޅުމާލެ ތެރޭ އަދި މާލެ ތެރޭ ޓެކްސީ ދަތުރު ކުރެވޭނެ އަގަކީ 25 ރުފިޔާ އެވެ. މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިއާ އަށެވެ.
ޑްރައިވަރުންގެ ކަންބޮޑުވުމަކީ، ދާގީނާ އަރުވާއިރު މިހާރު އިތުރަށް ނަގާ ފަސް ރުފިޔާ ނެގުން އަލަށް އެކުލަވާލި އަގުތަކުގައި ހިމަނާފައި ނުވުމާއި ރޭގަނޑު 12ގެ ފަހުން 30 ރުފިޔާ އަށް ދަތުރުކުރި ކުރުން އުވާލާފައިވާތީ އެވެ.
މިކަންބޮޑުވުންތަކާއެކު ބައެއް ޓެކްސީ ސެންޓަރުތަކުން މިއަދު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އަށް ޝަކުވާއާއެކު ގޮސްފަ އެވެ.
"ޓެކްސީތަކުން މިއަދު ހުށަހެޅި އަނެއް ޝަކުވާއަކީ އެޕްލިކޭޝަން ބޭނުން ކުރަން ފެށުމާއެކު ޓެކްސީ ސެންޓަރުތަކުގެ ބޭނުން ކެނޑޭނެ ޝަކުވާ،" ޓްރާންސްޕޯޓުން ބުންޏެވެ.
އަލަށް އެކުލަވާލި އަގުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ ހަތަކުން ފެށިގެންނެވެ. އަދި އެޕްލިކޭޝަންތަކަށް ހިދުމަތް ބަދަލު ކުރުމަށް ދެ މަސް ދުވަސް ވަނީ ދީފަ އެވެ.
"މި ދިމާވަނީ އިދު ޗުއްޓީ އާ. މިހާރު ޑްރައިވަރުން ނިންމާފައި އޮތީ ޑިކީތައް ތަޅުލަން. ދާގީނާ ނުލާ ދަތުރުތައް 25 އަށް ކުރަން. ކުރިން ދާގީނާ އަރުވާނަމަ 30 ރުފިޔާ ޗާޖު ކުރިނަމަވެސް އާ އަގުތަކާއެކު އެބައި އޮތީ އުވާލާފާ. ދެން ރަށްރަށަށް ދާ މީހުން ފުރަން ދާއިރު ޕިކަޕަށް ދާގީނާ އަރުވަން ބުނަން ބައެއް ޓެކްސީތަކުން ވަނީ ނިންމާފައިި،" ޓެކްސީ ސެންޓަރަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ސަރުކާރުން ޑްރައިވަރުންނާ އެކު މަޝްވަރާ ކުރީ ރައްޔިތުންގެ ޝަކުވާތައް ވެސް ހައްލު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އަގުތައް ކަނޑައެޅީ ދެ ފަރާތަށް ވެސް ފަސޭހަ ވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
"ސަރުކާރުން މަޝްވަރާ ކުރާނެ ހުރިހާ ފަރާތްތަކާ ވެސް. އެކަމަކު އަގު ކަނޑައަޅައި އެކަންކަން ނިންމާނީ ސަރުކާރުން ދެއްތޯ؟ އެއީ ޑްރައިވަރުންގެ އަތުގައި އޮންނަ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.