މަސްވެރިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތިން ގަރާރެއް އިގްތިސޯދީ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތަށް މިއަދު ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ތިން ގަރާރަކީ:

1. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހަޅުއްވާފައިވާ، ބޭރުގެ ބޯޓުފަހަރު ރާއްޖެއައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރު:

އެ ގަރާރު ފާސްކުރީ 65 މެމްބަރުންގެ ވޯޓުންނެވެ. މެމްބަރު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ދިވެހި މަސްވެރިން އަތުން މަސް ގަތުމަށް ހަތަރު ފަރާތަކާ އެކު ވެފައިވާ އެއްބަސްވުންވީ އެންމެ އަވަހަކަށް ބާތިލު ކުރުމަށާއި ބޭރުގެ ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސް ގަތުމާ ގުޅޭ ގޮތުން އެނަލިސިސްއެއް ހަދައި، އެ ފަރާތްތަކަށް ހުއްދަ ދިނުމަށާއި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް މަސް ގަނެވޭނެ ގޮތްތައް ބަލައި އެފަރާތްތަކަށް ވެސް މަސް ގަނެވޭނެ މަގުފަހިކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު --- ފޮޓޯ/ މަޖިލިސް

2. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ، ރަށު ކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމާ ގުޅޭ ގަރާރު:

އެ ގަރާރު މިއަދު މަޖިލީހުން ފާސްކުރީ 72 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ މައިގަނޑު ހަތަރު ކަމެއް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށާއި ރައީސްއަށް އިލްތިމާސް ކުރުމަށެވެ.

އެއީ ގޭދޮށު މަސްފެކްޓަރީތަކަށް ބޭނުންވާނެ މެޝިނަރީ، ޓެކްނޮލޮޖީ އަދި އިކުއިޕްމެންޓު ކަނޑައެޅުމާއި ގޭދޮށު މަސްފެކްޓަރީތަކަށް ބިން ދޫކުރެވޭނެ އުސޫލުތައް ކަނޑައެޅުމާއި ގޭދޮށު މަސްފެކްޓަރީ ހިންގުމުގައި ރަށު ނުވަތަ ސިޓީ ކައުންސިލުތައް ބައިވެރިވެވޭނެ ގޮތް ކަނޑައެޅުމުގެ އިތުރުން ދިވެހި މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސް ކުރާނެ ގޭދޮށު މަސް ޕްލާންޓުތައް ގާއިމުކުރުމަށް ހުޅުވާލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން --- ފޮޓޯ/ މަޖިލިސް

ޝިޔާނުގެ އެ ގަރާރުގެ ބަހުސް މަރުހަލާގައި ޖުމްލަކޮށް ހުރިހާ މެމްބަރުން ވެސް އެ ގާރާރާ އެއްކޮޅަށް ވާހަކަ ދެއްކެވި އެވެ.

3. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިން މަސްވެރިކަންކުރާ ސަރަޙައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާގުޅޭ ގަރާރު:

މި ގަރާރު ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި ބޭރު ކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ވިއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓަކައި ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ގާއިމުކޮށް، އޮފްޝޯ ޕްލެޓްފޯމް ގާއިމު ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

މިއަދު މަޖިލީހުން ފާސްކުރި ތިން ގަރާރާ އެކު، މަސްވެރިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ހުށަހެޅި ފަސް ގަރާރު ވެސް މިހާރު މިވަނީ ފާސްވެފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސްކޮށްފައިވާ އަނެއް ދެ ގަރާރަކީ އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމު، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމު ހުށަހަޅުއްވި ގަރާރާއި، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހަޅުއްވި، ބޭރުގެ މަސް ބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރެވެ.

ހަމައެއާ އެކު ސަރުކާރުގެ ފަރާތުން މަސްވެރިކަމާ ބެހޭ ބިލް ވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލުގެ މަގުސަދަކީ ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ހާއްސަ ކަނޑުތަކެއްކަމުގައި ހެދުމެވެ.