02 Nov 2011, 11:58
އަންނަ ޑިސެމްބަރު 2 އިން 11 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އިއްޔެ ފަށިއިފި އެވެ.
ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީގެ އިރުސާދުގެ ދަށުން ޤަލޮޅު ދަނޑުގައި އިއްޔެ ފެށި ފުރަތަމަ ފަރިތަކުރުމުގައި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިއަކު ބައިވެރިވެފައެއްނުވަ އެވެ. އެ ހަތަރު ކުޅުން ތެރިންނަކީ އަނިޔާގައި ހުރި ވިކްޓަރީގެ މުހުތާރު ނަސީރު (ޓޫކިލޯ) އާއި މާޒިޔާގެ ގޯލްކީޕަރު އަބްދުﷲ ޔަމާން އަދި ވީބީ ސްޕޯޓްސްގެ އައްސަދު އަލީ (އަޑުބަރޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އެވެ.
މި އަހަރުގެ ޤައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައި ވަނީ ޖުމްލަ 30 ކުޅުންތެރިންނެވެ.
ޤައުމީ ޓީމްގެ ފަރިތަކުރުންތައް އިއްޔެ ފަށާފައިވާ އިރު، ޓީމުގެ ދެ ވަނަ ޕްރެކްޓީސް މިހާރު ޤަލޮޅު ދަނޑުގައި ދަނީ ކުރަމުންނެވެ.
މިފަހަރުގެ ސާފް ފުޓްބޯޅަ މުބާރާތަށް ޓީމާ އެކު، ހެޑް ކޯޗް އިސްތަވާން އުރުބާނީގެ އިތުރުން ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) އާއި މޫސާމަނިކު (ކުޑަމޫސަ) ވެސް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.