15 Jun 2010, 05:15
10:00
މަދަނާގައި ބައިވެރިވުމަށް އެދި ހުށަހަޅާތާ މަހެއް ފަހުން ހިދުމަތް ލިބޭ ގޮތަށް އެންސްޕާ އިން ހަމަޖައްސައިފި އެވެ.
އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ ކުރިން އޮންނަ ގޮތުން ނަމަ މަދަނައިގައި ބައިވެރިވުމަށް އެދި ފައިސާ ދެއްކޭނީ އަހަރަކު ހަތަރު ފަހަރު ކަމަށެވެ. ނަމަވެސް މިހާރު އަހަރު ތެރޭ ކޮންމެ މަހެއްގައި ވެސް ފައިސާ ދެއްކި ދާނެ ކަމަށާއި އަދި ފައިސާ ދައްކާ މަސް ނޫން ޖެހިގެން އަންނަ މަހު އެމީހަކަށް މަދަނައިގެ ހިދުމަތް ލިބެން ފަސާނެ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.
ވަހީދު އިތުރަށް ވިދާޅުވީ ކުރިން އޮންނަ ގޮތުންނަމަ މަދަނައިގައި ބައިވެރިވުމަށް ފައިސާ ދައްކައިގެން ވެސް އެ ހިދުމަތް ލިބެނީ ވަކި މަސްތަކެއްގައި ކަމަށެވެ. ނަމަވެސް މިގޮތަށް ހަމަޖެއްސުމުން ވީހާވެސް ގިނަ ބަޔަކަށް މަދަނަ އާއި މަދަނަ ޕްލަސްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.