05 Aug 2019, 12:48
މިއަދުގެ ސަރުކާރުން ވަގުން ހިފަން މަސައްކަތްތަކެއް ކުރަމުންދާކަން ފެންނަ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ދިއުމުން ހައްޔަރުކޮށްގެން ގެނެސް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި މައްސަލާގައި މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ މިއަދުގެ ސަރުކާރުން ވަގުން ހިފަން މަސައްކަތްތަކެއް ކުރާތީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އިންސާފުގެ ކުރިމައްޗަށް ކޯޓުތަކަށް. މިފަދަ ކުއްތަކުގައި ތުހުމަތު ކުރެވޭ މީހުން ހާޒިރު ކުރެވޭތަން. އެމީހުންގެ މައްޗަށް ޝަރީއަތް ކުރެވޭ ތަން. ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކުރެވޭތަން ހައްޔަރު ކުރެވޭތަން. މިއީ އަޅުގަނޑުމެން ދިވެހިން އުފާކުރާ މަންޒަރެއް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ މިއަދުގެ ސަރުކާރުން ވަގުން ހިފަން މަސައްކަތްތަކެއް ކުރާކަން." ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ދިވެހިންގެ އުންމީދަކީ ވަގުން ހިފަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވުން ކަމަށެވެ.
ހިސާން ވިދާޅުވީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކީ ދިވެހިން ސިއްސުވާލި ތުހުމަތުތަކެއް ކަމަށެވެ. އަދި އެފަދަ ތުހުމަތުތައް ކުރެވިފައި ތިބި މީޙުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންގެ މައްޗަށް ޝަރީއަތް ކުރެވޭތަން ދެކެން އެންމެންވެސް ބޭނުންވާ ކަމަށް ހިސާން ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ފަސް އަހަރު ރައްޔިތުންގެ ކެނޑިނޭޅި ދައްކަމުން ދިޔަ ވާހަކައަކީ ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރި ވާހަކަ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ދައުލަތުގެ ފައިސާއިން ދައުލަތުގެ އިސްވެރިން ވައްކަން ކުރަމުން ދިޔަ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ އުންމީދަކަށް ވީ ވަގުން ހިފާ ހައްޔަރު ކުރުން. އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ އުންމީދު. އަޅުގަނޑުމެންނަށް ޓީވީއިން ބައެއް ވަގުންގެ ޝަރީއަތްތައް ހިނގާތަންވެސް އެބަފެނޭ." ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކުރެވިގެން މީހުން ދޫވެގެން ދާ މަންޒަރު މިހާރު ފެންނަމުން ދާ ކަމަށެވެ. އަދި އިޖުރާއަތުތައް ފުރިހަމަ ކުރުމުންވެސް މީހުން ދޫވެގެންދާ މަންޒަރު ފެންނަ ކަމަށް ހިސާން ވިދާޅުވި އެވެ.
އެހެން ދިމާވާ ސަބަބެއް ކަމަށް ހިސާން ވިދާޅުވަނީ ގާނޫނީ ވެރިކަމެއް ހިންގާ ދައުލަތެއް މިހާރު ރާއްޖޭގައި އޮތުރުމުން ކަމަށެވެ. މީގެ ކުރިން ހިނގާފައިވަނީ ގާނޫނުގެ ވެރިކަމެއް ނޫން ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
"ގާނޫނުގެ ވެރިކަމަކަށް ރުޖޫއަވެ ގާނޫނު ނަގަހައްޓާ ދައުލަތެއް ގޮތަށް ދައުލަތް ފަންކްޝން ކުރަން ފެށީމަ މިކަހަލަ މައްސަލަތައް ބައެއް ފަހަރު ދިމާވާނެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ." ހިސާން ވިދާޅުވި އެވެ.
އަދީބު ކޯޓަށް ހާޒިރުކުރުމުން އޭނާ ރޭ ދޫކޮށްލީ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރު ކުރުމުން ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. އަދީބު ދޫކޮށްލިތާ ކުޑައިރުކޮޅެއް ތެރޭ އަނެއްކާވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.