05 Aug 2019, 12:35
ދިއްލީ (އޮގަސްޓު 5): އިންޑިއާގެ ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ ދަރަޖަ އުވާލައި، ގައުމުގެ މައި ސަރުކާރުން ކަޝްމީރަށް ސީދާ ބާރު ހިންގާ ގޮތަށް ބަދަލުކޮށްފިއެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވި ގޮތުގައި ގައުމުގެ ރައީސް ރާމް ނާތު ކޯވިންދު ވަނީ ކަޝްމީރަށް ހާއްސަ ދަރަޖައެއް ލިބިދޭ މާއްދާ 370 އުވާލަން އަމުރެއްގައި ސޮއި ކުރައްވާފައެވެ.
މާއްދާ 370ގެ ދަށުން ޖައްމޫ އެންޑް ކަޝްމީރަށް އަމިއްލަ ގާނޫނު އަސާސީއަކާއި ވަކި ދިދައަކާއި، ހާރިޖީ ގުޅުންތަކާއި ޑިފެންސްއާއި ކޮމިއުނިކޭޝަންސް ފިޔަވާ އެހެން ކަންތައްތައް ހިންގުމުގެ މިނިވަންކަން ދީފައިވެއެވެ.
އިންޑިއާގެ މައި ސަރުކާރުން މިހާރު ނިންމާފައިވަނީ ކަޝްމީރު ސަރަހައްދުގައި ދެ ޔޫނިއަން ޓެރިޓަރީއެއް އުފައްދާށެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރަކީ އެއް ޓެރިޓަރީ، އަދި ލަޑާކްއަކީ ވަކި ޓެރިޓަރީއެއްގެ ގޮތުގައި ހެދުމަށެވެ. އެ ބަދަލާއެކުވެސް ޖައްމޫ އެންޑް ކަޝްމީރުގައި ވަކި ގާނޫނު ހަދާ މަޖިލީހެއް އޮންނާނެއެވެ. ނަމަވެސް ލަޑާކްގައި އެފަދަ މަޖިލީހެއް ނޯންނާނެއެވެ.
ޝާހު ވިދާޅުވި ގޮތުގައި ކަޝްމީރު ޔޫނިއަން ޓެރިޓަރީއަކަށް ހަދަން ނިންމީ އެ ސަރަހައްދުގެ ސަލާމަތީ ހާލަތު މިހާރު އޮތް ގޮތުންނެވެ.
މާއްދާ 370 އުވާލުމަކީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދެކެވެ. އަދި މިދިޔަ މަހު ބީޖޭޕީން ކަޝްމީރަށް ކަނޑައަޅާފައި ހުންނަ ނެޝަނަލް ޖެނެރަލް ސެކްރެޓަރީ ރާމް މާދަވް ވަނީ އެސަރަހައްދުގައި ހިންދޫން ވަޒަންވެރި ކުރުވަން އެ ޕާޓީން ރާވަމުންދާ ކަމަށް ވިދާޅުވެފައެވެ.
ކަޝްމީރަކީ އިންޑިއާގައި މުސްލިމް ރައްޔިތުންގެ މެޖޯރިޓީއެއް އޮންނަ ހަމައެކަނި ސްޓޭޓެވެ.
އިންޑިއާ ސަރުކާރުން އެ މާއްދާ އުވާލިކަން އިއުލާން ކުރުމުގެ ކުރިން މިދިޔަ ހަފްތާގަ އާއި މިއަދުވެސް ވަނީ ކަޝްމީރަށް އިތުރު ސިފައިން ފޮނުވާފައެވެ.
އަދި ކަޝްމީރުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބުނެ އެސަރަހައްދަށް ދީނީ ސަބަބުތަކަށާއި ފަތުރުވެރިންގެ ގޮތުގައި ގޮސްފައިވާ މީހުން އަނބުރާ ދިޔުމަށް އަންގާފައެވެ.