ހޮންކޮންގް (އޮގަސްޓު 5): ހޮންކޮންގްގެ މުޒާހަރާތަކުގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އެޅި، މުޅި ސިޓީ ހުއްޓުމަކަށް އައިސްފި އެވެ.

މިއަދު ހޮންކޮންގުގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ގިނަ އަދަދެއްގެ ރޭލު ދަތުރުތަކަށް ހުރަސް އަޅައިފަ އެވެ. އަދި އޭވިއޭޝަންގައި މަސައްކަތް ކުރާ 2،300 އަށް ވުރެ ގިނަ މުވައްޒަފުން މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން ގާތްގަނޑަކަށް 200 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެމުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި މިއަދު 20 އަށް ވުރެ ގިނަ ދާއިރާއިން 14،000 މީހުން ވަނީ މުޒާހަރާތަކުގައި ބައިވެރިވާން އެއްބެސްވެފަ އެވެ.

ހޮންކޮންގްގެ ލީޑަރު ކެރީ ލާމް ވަނީ މުޒާހަރާގެ ބައިވެރިން އެހެން މީހުންގެ އާއްމު ދިރިއުޅުމަށް ހުރަސް އުޅަމުންދާތީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެފަރާތްތަކުން ދަނީ ހޮންކޮންގް "ވަރަށް ނުރައްކާތެރި ހާލަތަކަށް" ގެންދަމުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަނާ ވަނީ އޭގެ ސަބަބުން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ރޭލު ދަތުރަށް ހުރަސް އަޅަނީ -- ފޮޓޯ: އޭއެފްޕީ

މީގެ ދެ މަސް ކުރިން ހޮންކޮންގްގެ މުޒާހަރާތައް ފެށުނީ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އެބިލް ފާސް ކުރި ނަމަ ހޮންކޮންގްގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރެވޭނެ ގޮތެއް ތައާރަފްވާނެ އެވެ.

އަދި އެބިލާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ލާމް ވަނީ ބިލް ފާސް ކުރުން ފަސްކޮށްފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ބިލް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށާއި ފުލުހުން ކުރާ އަނިޔާތަކަށް ޖަވާބުދާރީ ކުރުމަށް ގޮވާލާ، މުޒާހަރާތައް ކުރިއަށްގެންދަމުންނެވެ.

މީގެ ކުރިން 150 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންކޮންގް 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.

ނަމަވެސް ހޮންކޮންގްގެ ޑިމޮކްރަސީ އެކްޓިވިސްޓުން ބުނާ ގޮތުގައި ޗައިނާއިން އެސަރަހައްދަށް ނުފޫޒު ފޯރުވާ މިންވަރު ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފަ އެވެ.