05 Aug 2019, 12:07
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ކަނޑުމަގުން ފިލައިގެން އަވައްޓެރި އިންޑިއާއަށް ދިއުމަކީ ދިވެހި ފުލުހުންގެ އިންޓަލިޖެންސާއި ސަލާމަތީ އެހެން އިދާރާތަކުގެ ފެއިލް ވުމެއް ކަމަށް މެންބަރުން ވިދާޅުވެއްޖެ އެވެ.
އަދީބު އިންޑިއާއިން އަނބުރާ މާލެ ގެނެސް ރޭ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގަނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ ބަންދުކުރެވެން ނެތް ކަމަށް އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އަދީބު ދޫކޮށްލުމަށް ނިންމުމާ ގުޅިގެން މިއަދުގެ ޖަލްސާއަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
އެ މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ، ކޯޓުން ނިންމި ނިންމުމަށް ވުރެ ބޮޑަށް ބަލަންވީ އަދީބަށް ފިއްލުނު ސަބަބު ކަމަށާއި އެކަން އެގޮތަށް މެދުވެރިވީ ކީއްވެކަން ހޯދައި އެ މައްސަލަ މަޖިލީހުން ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އަދީބު ފަދަ ހައި ޕްރޮފައިލް ބޭފުޅަކު މާލޭގައި ދިރިއުޅުއްވުމަށްފަހު ކުއްލިއަކަށް 'މަންޒަރުން' ގެއްލިގެން ދިޔައިރު ދިވެހި އިންޓެލިޖެންސްއަށް އެކަން ނޭންގުމަކީ އެ ތަނުގެ ހާލަތު އޮތް ގޮތް ވެސް ބަލަން ޖެހޭ ސަބަބެއް ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް މިއަދު މުހިންމީ މިއަދު އޭނާއަށް އެހިސާބަށް ދެވުނީ ކީއްވެތޯ. ޕޮލިސް އިންޓަލިޖެންސް ފެއިލިއާ މީގައި ވާކަން އަޅުގަނޑުމެނަށް ވަރަށް ސާފު. މިއީ ނުދައްކަން ޖެހޭ ވާހަކަ އެއް ނޫން،" ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވި އެވެ.
އަދީބު ރާއްޖެ ދޫކޮށް ދިޔައިރު އެކަން ނުހުއްޓުވުމުން އެކަމަށް ޒިންމާވާ ހުރިހާ ފަރާތްތަކެއް ވަގުތުން އިސްތިއުފާ ދެއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ގޮވާލައްވައިފަ އެވެ. އަދީބު ފިލައިގެން އެހެން ގައުމަކަށް ދިއުމުގެ ބަދަލުގައި އިންޑިއާއަށް ދާން ޖެހުނު ސަބަބާއި ގުޅޭ ގޮތުން ޝިޔާމް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުރުމަށްފަހު ސަރުކާރު ބަދަލުވުމާއި އެކު އަދީބު މިނިވަން ވެގެން ދިޔައީ ޕްރޮސިކިއިޓާ ޖެނަރަލްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މީދޫ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ތުހުމަތު ކޮށްފަ އެވެ.
"އޭގެ ފަހުން އެމަނިކުފާނު ފުރާވަޑައިގެންނަން ޖެހުމަކީ އަޅުގަނޑު ކުރީގެ ދިފާއީ ވަޒީރެއްގެ ހައިސިއްޔަތުން ލަދުވެތިވެ ދެރަވާ ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިބާވަތުގެ މައްސަލަތަކުގައި އަޅުގަނޑުމެންގެ ކިބައިގަ ހުންނަން ޖެހޭނެ ފިލައިގެން ނުދިއުމުގެ ކަންތައްތައް ބެލެހެއްޓުމުގެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އަދީބަށް ދިމާވި މައްސަލަ ބަލަން ޖެހޭ ކަމަށާއި އެމަނިކުފާނު އެހާ 'ޑެސްޕަރޭޓް' ވި ސަބަބެއް ބަލައި ހޯދަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ޓަގް ބޯޓެއްގައި ފިލައިގެން ދިއުމުން އިންޑިއާގެ ސަލާމަތީ ބާރުތަކުން އޭނާ ހިފަހައްޓާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރު ކައިރިން މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއަށް ފަހު ދިވެހި ފުލުހުންނާ އޭނާ ހަވާލު ކުރީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ރޭ ދަންވަރު ކޯޓުން އެމަނިކުފާނު ދޫކޮށްލުމާއި އެކު މިއަދު ހެނދުނު ފުލުހުން ވަނީ އަނެއްކާ ވެސް އަދީބު ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސްފަ އެވެ.