05 Aug 2019, 11:59
ސެޓެލްމެންޓް އެގްރިމަންޓްތަކަށް އަމަލުކުރުން ލާޒިމް ކުރާ މުއާހަދާ ރާއްޖެ އިން ތަސްދީގުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މިއަދު ފޮނުވައިފި އެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގް ފްރޮމް މީޑިއޭޝަން" މުއާހަދާ އަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަގުވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، މި މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ އެގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމުތައް ގާއިމުކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށް ފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.
އެހެންކަމުން އެ މުއާހަދާ ތަސްދީގުކުރުމާ މެދު ރައްޔިތުންގެ
މަޖިލީހުގެ ރުހުން ހޯދަން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
މި މުއާހަދާއަކީ މިދިޔަ ޑިސެމްބަރު 20 ގައި އދ.ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުއާހަދާއެކެވެ. މި މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު ސިންގަޕޫރުގަ އެވެ.